ރިޕޯޓް

ކުޅުދުއްފުށީ ކުނީގެ މައްސަލަ ހައްލުނުވޭ، ރައްޔިތުންގެ ކަންބޮޑުވުން!


އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް، ހދ. ކުޅުދުއްފުއްޓަކީ ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު ރަށެކެވެ. ތަރައްޤީގެ އެކި ދާއިރާތަކުން އަތޮޅުތެރޭގެ ގިނަ ރައްރަށާ އަޅައި ބަލާއިރު ކުޅުދުއްފުށިން ވަނީ ކުރިއެރުންތަކުން ހޯދާފައެވެ. ޒަމާނީ ސިޓީއަކަށް ބޭނުންވާ ސިފަތައް ކުޅުދުއްފުށީގައި ފުރިހަމަވަމުންދާއިރު، އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލައެވެ.

ކުޅުދުއްފުށީގައި ކުނި ޖަމާކުރުމަށް ހަދާފައިވާ ކުނިކޮށި ހުންނަނީ މީހުން އުޅޭ ސަރަހައްދު ކައިރީގައި ރަށުގެ އިރުމަތީ ފަރާތުގައެވެ. މިއީ ގާތްގަނޑަކަށް 17000 އަކަ މީޓަރުގެ ކުނި ކޮއްޓެކެވެ. ކުނިކޮއްޓާ އިންވެގެން އުތުރުގެ ޒޯން ސްޓޭޑިއަމް ހުންނައިރު، ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި، މީހުން ދިރިއުޅޭ އެތައް ގެއެއް ކުނިކޮށި ކައިރީގައި ހުރެއެވެ. ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 9 ނުވަތަ 10 ޓަނު ކުނި ކުޅުދުއްފުށީ ކުނިކޮށްޓަށް ޖަމާވާއިރު، އެރަށުގައި އުފެދޭއިރު އެކުނި ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށްފައި ނުވާއިރު، އެތަނަށް އަޅާ ހުރިހާ ބާވަތެއްގެ ކުނި ނައްތާލަނީ ކުނިކޮށީގައި ބަހައްޓައި އަންދާލައިގެން ނުވަތަ ވަޅުލައިގެންނެވެ.

ކުޅުދުއްފުށީގައި އުފެދޭ ހުރިހާ ބާވަތެއްގެ ކުނި މި ކުނިކޮއްޓަށް ޖަމާކޮށް އަންދާއިރު، ކުނިކޮށިން އަރާ ދުމުރު އަސަރު ރަށުތެރެއަށް ކުރެއެވެ. ކުނި އެންދުމުގެ ސަބަބުން އަރާ ވިހަ ދުމުން ލިބިދާނެ ގެއްލުންތަކާބެހޭގޮތުން ހދ. އަތޮޅު ހެލްތް ސާވިސްއިން ބުނީ މިއީ ސިއްޙީގޮތުން ރައްކާތެރި ގޮތެއް ނޫންކަމަށާއި، ކުނި އެންދުމުގެ ސަބަބުން ސިއްޙީ ބޮޑެތި ނުރައްކާތަކާ ކުރިމަތިވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އެގޮތުން ނޭވާލާ ނިޒާމަށް މިކަމުގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާކަށް ހދ. އަތޮޅު ހެލްތް ސަރވިސްއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދިނެވެ.

ރައްކާތެރިގޮތުގައި ކުނި ޖަމާކޮށް ނައްތާލާނެ ނިޒާމެއް ކުޅުދުއްފުށީގައި ޤާއިމުކޮށްފައި ނެތުމުގެ ސަބަބުން ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުޅިވަރު ކުޅޭ މީހުންނާއި، އަފީފުއްދީން ސްކޫލްގެ ދަރިވަރުންނަށް ކުނިކޮށިން ދުވާ ނުބައި ވަހާއި އަރާދުމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވާކަން ބެލެނިވެރިންނާއި ރަށުގެ ޢާންމުން ފާހަގަކުރެއެވެ. ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުންނަ ގޭގެއަށް މެހީގެ އުނދަގުލާ ވަރަށް ބޮޑަށް ކުރިމަތިވާކަމަށް އެފަރާތްތަކުން ބުނެއެވެ.
އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް، ހދ. ކުޅުދުއްފުށީގައި ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކޮށްފައި ނުވާތީ އެރަށު ރައްޔިތުންގެ ކަންބޮޑުވުން ޕީއެސްއެމް ނިއުސްއަށް ހިއްސާކުރިއެވެ.

"
"ހުރިހާ ބާވަތެއްގެ ކުނި މިތަނަށް މިއަޅަނީ. ވަރަށް ކަންބޮޑުވޭ ކުނިކޮށި މިއޮންނަ ގޮތުން. މިކަމަށް ހައްލެންބޭނުން"
ޕީއެސްއެމާ ވާހަކަދެއްކި ކުޅުދުއްފުށީ ރައްޔިތަކު ބުންޏެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އެރަށު ކުނިކޮށީގެ ބަދަލުވެރި ފަރާތަކީ ކުޅުދުއްފުށީ ފެނަކަ ކޯޕަރޭޝަން ކަމަށެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ ކުޅުދުއްފުށީ ކުނިކޮށި ހުސްކުރުމަށް ވެމްކޯއާއި ހަވާލުކޮށްފައިވާކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވެފައިވަނިކޮށް، ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ވެމްކޯއިން ކުޅުދުއްފުށީ ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ކުރަންފެށިނަމަވެސް މިހާރު އެމަސައްކަތް ވަނީ ހުއްޓާލާފައެވެ. މިކަމާގުޅޭގޮތުން ވެމްކޯއިން ބުނީ ސެޕްޓެމްބަރ 15 ވަނަ ދުވަހު ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ފަށައި، 5 ލޭންޑިންގ ކުރާފްޓްގެ ކުނި ތިލަފުއްޓަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު މިމަސައްކަތް ހުއްޓިފައިވަނީ އެވަގުތު އެކަމަށް ބަޖެޓް ލިބިފައިވާ ވަރަށް މަސައްކަތް ނިމުމުން ކަމަށާއި، އަދި ބަޖެޓް ލިބޭހާ އަވަހަކަށް އަލުން މަސައްކަތް ފަށާނެކަމަށް ވެމްކޯއިން ބުނެއެވެ.

ނަމަވެސް ވެމްކޯއިން ކުރިން ބުނެފައިވަނީ ކުޅުދުއްފުށީ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ނިންމުމަށްފަހު، ހަރުދަނާ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށް، އެމަސައްކަތް ވެމްކޯއިން ކުރާނެކަމަށެވެ.

ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ރަށަކަށްވެފައި، ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ބޮޑެތި ކުންފުނިތައް ކުޅުދުއްފުށީގައި ހުންނައިރު، ކުޅުދުއްފުށީގައި އުފެދޭ ކުނި ނިސްބަތުން ގިނައެވެ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބުމަކީ ކުޅުދުއްފުށީ ރައްޔިތުންގެ އުންމީދެކެވެ.