ޚަބަރު

"ފަރުކޮއެ" ޕްރޮގްރާމް ތިނަދޫ ސްކޫލުގެ ދަރިވަރުންނަށް


ސްކޫލުތަކުގެ ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ "ފަރުކޮއެ" މަޝްރޫއުގެ ދަށުން، ގދ. ތިނަދޫގައި ހުންނަ، ތިނަދޫ ސްކޫލްގެ ދަރިވަރުންނަށް ފަރުތައް ދައްކާލައިފިއެވެ.

ތިނަދޫ ސްކުޅުގެ އެކި ގްރޭޑުތަކުގެ ދަރިވަރުން އެކި ގަޑިތަކުގައި ފަރުބަލަމުންދާއިރު، އެ މަޝްރޫއުގެ ދަށުން ތިނަދޫ ސްކޫލުގެ ދަރިވަރުންނައް ދައްކާލާފައިވަނީ އެރަށު ދެކުނު ފަރާތުގައި އޮންނަ ފަރެވެ. މި ޕްރޮގުރާމުގައި އެސްކޫލުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ބައިވެރިވިއެވެ.

އެސްކޫލުގެ ލީޑިން ޓީޗަރ ހުސައިން ޝިޔާމް ވިދާޅުވީ، ޕްރޮގްރާމް ކުރިއަށް ދާނީ ތިން ދުވަހަށް ބަހާލައިގެން ކަމަށާއި އެގޮތުން އެސްކޫލުގެ އެލްކޭޖީން ފެށިގެން ހުރިހާ ގްރޭޑެއްގެ ދަރިވަރުން ބައިވެރިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޢަމާޒަކީ ކޮންމެ ދަރިވަރަކަށްވެސް މަދުވެގެން އަހަރަކު އެއްފަހަރު ފަރުތައް ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި މި މަޝްރޫޢުގެ ދަށުން ކޮންމެ ކުއްޖަކީވެސް ރީފް އެމްބެސެޑަރަކަށް ހަދައި، ފަރުތަކާއި މުރަކަތަކާ ބެހޭ މަޢުލޫމާތާއި، މޫދަށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ދަރިވަރުންނަށް ބާރުއަޅާ ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވެއެވެ.

މީގެ ކުރިން ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިންވެސް ވަނީ "ފަރުކޮއެ" ޕްރޮގްރާމުގެ ދަށުން ފަރުތައް ބަލާފައެވެ. އެ ޕްރޮގްރާމުގައި ތިނަދޫގެ ސްކޫލުތަކުން ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.

"ފަރު ކޮއެ" މަޝްރޫޢަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަމާއި، އެތަންތަނުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.