ޚަބަރު

ބަޔާންތައް ލީކުކޮށްލުމުން ޕީޕީއެމުން އެކަން ކުށްވެރިކޮށްފި


ނިމިދިޔަ ރިޔާސީ އިންތިޚާބު ބާޠިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ސުޕރީމް ކޯޓަށް ހުށައަޅުއްވާފައިވާ މައްސަލައާ ގުޅުންހުރި ލިޔުންތަކެއް ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާތީ އެކަން ޕީޕީއެމުން ކުށްވެރިކޮށްފިއެވެ.

ޕީޕީއެމުން ނެރެފައިވާ ބަޔާނުގައި ވަނީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ޕީޕީއެމަށް ހުށަހަޅާފައިވާ މައްސަލަތަކަށް ރިޢާޔަތްކޮށް އެތައް ހާސް ރައްޔިތުންގެ ޙައްޤުތައް ގެއްލިފައިވާކަމަށް އެ ޕާޓީއަށް ޤަބޫލުކުރެވިފައިވާތީ، އިންތިޚަބާ ގުޅޭ އެތައް މައްސަލަތަކެއް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަަޅައި ބަލަމުންދާއިރު، އެމައްސަލައާ ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތައް ސޯޝަލް މީޑިއާގައި ލީކު ކުރަމުންދާ ދިއުން އެޕާޓީން ކުށްވެރިކުރާކަމަށެވެ.

ޝަރުޢީ ނިޒާމަކީ ހުރިހާ ދިވެހިންގެ އިތުބާރު ލިބެންޖެހޭ އަދި ޤައުމު ހިންގުމުގެ ނިޒާމުގައި މުހިންމު އެއް ތަނބު ކަމަށާ، ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ ލިއުންތައް ލީކުކުރުމަކީ ނާތަހުޒީބު ޢަމަލެއްގެގޮތުގައި ސިފަކޮށް ޕީޕީޢެމުންވަނީ އެފަހަދަ ޢަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެފަދަ ޢަމަލުތައް ހިންގުމަކީ ކަންކަމަށް ފާރަވެރިވެ، އެކަންކަމާ ބެހޭ މަޢުލޫމާތުތައް ހާމަކުރަން ޖެހިލުންވެ، އެފަދަ މަޢުލޫމާތުތައް ހާމަކުރާ ފަރާތްތައް ނުރައްކަލުގެ ތެރެއަށް ހުށައެޅިގެންދާނެ ކަމެއްކަމުގައިވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ޑިމޮކްރަސީގެ ހަމަތަކަށް ޢަމަލުކުރުމަށް ގޮވާލައި ސިޔާސީ ޕާޓިތަކުން، ވަކިސިޔާސީ މާޤުޞަދެއް ޙާސިލްކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގައި ހުރި ލިޔެކިއުންތައް ޢާންމުކުރުމުގެ ޢަމަލުތައް ކުރުމަށް ހިތްވަރުދީ އެކަންކަން ކުރަމުންދާ ދިއުމަކީ ދިވެހި ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތުންކަމުގައި އެޕަޓިން ދެކޭކަމަށްވެސް ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.