ޚަބަރު

ބ. ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފި


ބ.އަތޮޅު ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.

ކިހާދޫ ކައުންސިލުގެ ރައީސް އިބްރާޙިމް ފަޒީލް ވިދާޅުވީ ޕާކު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެކި ފިޔަވަހި ތަކަށް ބަހާލައިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފިޔަވަހީގައި ވަށާފާރު ރޭނުމާއި، ސިމެންތި ޖެހުމާއި، ގޭޓް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ވޯކްވޭގައި ގާ އެތުރުމުގެ މަސައްކަތް ކުރާނެކަމަށް ފަޒީލު ވިދާޅުވިއެވެ.

ތިންލައްކަ ދިހަހާސް ރުފިޔާ ޚަރަދުކޮށްގެން މިމަސައްކަތް ކިހާދޫ ކައުންސިލުން ކުރަމުންދަނީ އެސްޓިމޭޓް އުސޫލުން އެރަށުގެ އާންމު ރައްޔިތަކާ ޙަވާލުކޮށްގެންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްމަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ކައުންސިލުން ބުނެއެވެ.

"މިމަސައްކަތަކީ އެރަށު ކައުންސިލުން އެކުލަވާލި ޕްލޭނަކަށް ކުރެވެމުންދާ މަސައްކަތެއް. މިތަން ތަރައްޤީކުރުމަށް ކައުންސިލްގެ އިތުރުން އަތޮޅުގެ ބައެއް ރިސޯޓްތަކާ ކުންފުނިތަކުގެ އެހީތެރިކަންވެސް ވަނީ ލިބިފަ." ފަޒީލު ވިދާޅުވިއެވެ.

ކިހާދޫ ކައުންސިލުން މި މަސައްކަތް ފެށީ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކުކަމަށް ފަޒީލު ވިދާޅުވިއެވެ. އަދި ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމުން ކުލަލުމާއި ގަސް އިންދުމުގެ މަސައްކަތް ކުރާނީ ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) ޖަމްއިއްޔާއިންނެވެ. ޕާކް ޑިޒައިންކޮށްފައިވަނީވެސް ކިޑްސް ޖަމްޢިއްޔާއިންނެވެ.

ކިހާދޫ ކައުންސިލުން ބުނީ ކުޑަކުދިންގެ ޕާކުގައި ގަސް އިންދުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލާފައިވާކަމަށެވެ.