ޚަބަރު

އިންތިޚާބު ބާތިލްކުރަން ހުށަހެޅި ދަޢުވާގައި އޮތީ ވަޙުމްތަކެއް، އެއްވެސް ހެއްކެއް ނެތް - އީސީ


ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބިނާކޮށްފައި ވަނީ ވަޙުމްތަކެއްގެ މައްޗަށް ކަމަށާއި އެ މައްސަލާއިގައި ސާބިތު އެއްވެސް ހެއްކެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާއިގެ ފުރަތަމަ އަޑުއެހުމުގައި މައްސަލައަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ މައްސަލައިގެ އަސްލަށް އިންކާރު ކުރާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ ޤާނޫނު އަސާސީގެ 172ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިންނާއި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޤާނޫނުން ލާޒިމް ކޮށްފައިވާ ހުރިހާ ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ 2013ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނުގައި ހިމަނާފައިވާ ހުރިހާ ކަމަކަށްވެސް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބަލާފައިވާނެ ކަމަށެވެ.

އިންތިޚާބެއް ބާތިލް ކުރެވެނީ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުޞަތެއް އޮވެގެން ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާޙީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ދެމެދު 38،000 ވޯޓުގެ ތަފާތު ހުރި ކަމަށާއި ނަމަވެސް އިންތިޚާބު ބާތިލް ކުރަން ހުށަހެޅުއްވި ފަރާތަށް ގެއްލިގެން ދިޔައީ ކިތައް ވޯޓެއް ކަން ވެސް އެ މައްސަލައިގައި ބުނެފައި ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕް ކުރުމުގައި އޮޅުވާލުންތަކެއް އޮޅުވާލައިފައިވާ ކަމަށްބުނެ ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުންގެ ޤާނޫނީ ވަކީލް ޝަމީމް ވިދާޅުވީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕް ކުރުމަށް އެމް ސެވަންއާ ޙަވާލުކުރީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ފިނޭންސް މިނިސްޓަރުގެ ހުއްދައާއި އެކު ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓު ކަރުދާސް ޗާޕް ކުރުމަށްފަހު އެ ކަރުދާސްތައް ބަހައްޓާފައި ހުރި ތަނަކީ ސަލާމަތީ ކަންކަން ވަރުގަދަ ތަނެއް ކަމަށެވެ. އަދި އެތަނުގައި 24 ގަޑިއިރު ފުލުހުން ފޯރިމަރަމުން ދިޔަ ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ވޯޓު ކަރުދާސް ބަހައްޓާފައިވާ ތަނަށް ވަދެވޭނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އެ ކޮމިޝަނުގެ ވަކި މުވައްޒަފުންތަކަކަށް ކަމަށެވެ. އަދި އެތަނަށް ވަން މުވައްޒަފުންނާއި ވަން ގަޑިތަކަށް ދަންދެން ލޮގް ކުރެވިފައި ހުންނާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދަޢުވާގައި ބުނެފައިވާ ޔޫވީ ލައިޓް ބޭނުން ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމް ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ވޯޓު ފޮށްޓެއްގައިވެސް ވޯޓު ކަރުދާހުގެ ސައްޙަކަމާއި މެދު ސުވާލު އުފެދިއްޖެ ނަމަ އެކަން ޔޫވީ ލައިޓް ބޭނުންކޮށްގެން ބަލާފައި ހުންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ޔޫވީ ލައިޓް ބޭނުން ނުކުރުމަކީ ރިޔާސީ އިންތިޚާބު ބާތިލް ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ދެލި ފޮހެވޭ ގަލަމަކާއި އަނގޮޓިތަކެއްގެ ވާހަކަތައް ދަޢުވާގައި ބުނެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ޝަމީމް ވިދާޅުވީ އެފަދަ އެއްވެސް އެއްޗެއް ކޮމިޝަނުގެ އެއްވެސް ފަރާތަކުން ބޭނުން ކޮށްފައިނުވާނެ ކަމަށެވެ. އަދި އިންތިޚާބުގެ ވޯޓުލުން ކުރިއަށްްދިޔަ ވަގުތުގައިވެސް އެފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ އެފަދަ ކަންކަން ހިނގައިދާނެތީ ކުރިއާލައި އެކަންކަމަށް ތައްޔާރުވެފައިވާނެ ކަމަށެވެ. އެގޮތުން ވޯޓުލުމަށް އަންނައިރު އެމީހެއްގެ އަމިއްލަ ގަލަން ގެނައުމަށް އިލެކްޝަނުން އިލްތިމާސްކޮށްފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޭރު ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ އިންސާފުވެރިކަން ގެއްލިގެން ދިއުމާއި ވޯޓުލުމުގެ ޙައްޤަށް އުނިކަން އަންނާނެ ކަންކަން މެދުވެރިވެގެންނެވެ. ޝަމީމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ހުށަހަޅާފައިވާ ދަޢުވާގައި އެފަދަ އެއްވެސް ކަމެއް ހިމެނިފައިނުވާ ކަމަށާއި އެހެންކަމުން އެ ނުކުތާއަށް އެކަނި ބަލާލިއަސް އިންތިޚާބު ބާތިލް ކުރުމުގެ އެއްވެސް ޤާނޫނީ ޙައިސިއްޔަތެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ދަޢުވާ ހުށަހަޅުއްވަމުން ޕީޕީއެމް ރިޔާސީ ކެންޑިޑޭޓު ޢަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުޙައްމަދު ސަލީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ ދުޞްތޫރީ ޒިންމާ އެއްފަރާތް ކުރުމަށްފަހު ކަމަށެވެ. ސަލީމް ވިދާޅުވީ އިންތިޚާބުގައި ވޯޓުލާ ނިމި ވޯޓު ގުނަން ފެށިއިރު ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލާން ރަޖިސްޓްރީކޮށް ވޯޓުލާފައިވާ މީހުންގެ ޢަދަދަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ހުރި ވޯޓު ފޮށިތައް އެބަހުރި ކަމަށެވެ. އެގޮތުން ސަލީމް ވިދާޅުވީ ހުޅުމާލޭގައި ބެހެއްޓި ފޮށްޓެއްގައި 25 ވޯޓު އިތުރުވެފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ޤާއިމްކޮށްފައިވާ ކޮމްޕްލެއިންސް ބިއުރޯގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވަނީ ވެސް ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ސަލީމް ވިދާޅުވިއެވެ.

ވޯޓުލުމަށް ބަހައްޓާފައިވާ ވޯޓިންގ ބޫތުތައް ހުރީ އެތަނުގައި ތިބި އޮފިޝަލުންނާއި ވަރަށް ގާތުގައި ކަމަށާއި އެކަމުގެ ސަބަބުން ބައެއް މީހުން ވޯޓު ކަރުދާހުގައި ޖެހި ފާހަގަ ފެނިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ވޯޓުލީ މީހުންގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކޮށްދެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބެލި މި މައްސަލަ ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މާދަމާ ހެނދުނު 10:30ގައި އިތުރު އަޑުއެހުމެއް އޮންނާނެ ކަމަށެވެ.