ޚަބަރު

400 ގޯއްޗަށް އެދި ފޯމު ހުށައެޅުމުގެ މުއްދަތު އިތުރުކުރާނެ- އެޗްޑީސީ


ހުޅުމާލޭގެ 2ވަނަ ފިޔަވަހިން ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށާއި ފޯމު ހުށަހަޅަން މިހާރު ދީފައިވާ މުއްދަތު އިތުރުކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ،އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފޯމު ދޫކުރުމާއި ބަލައިގަތުން މިހާރު ކުރިއަށްގޮސްފައިވާ ހިސާބާއި އަދި އެކަން ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަކަމަށެވެ. އަދި ފޯމު ބަލައިގަންނަން ހަމަޖައްސާފައިވާ މުއްދަތު ވެސް އިތުރުކޮށް އެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހައުސިން މިނިސްޓްރީން މިހާރު ދޫކޮށްފައިވާ ނަންބަރުތަކުގެ ތަރުތީބުން ފޯމު ބަލައިގަނެ އިތުރު ފޯމު ހުށަހަޅަން އެކަށީގެންވާ މުއްދަތު ދޭން ނިންމާފައިވަނީ ފޯމް ހުށައެޅުމުގައި ރައްޔިތުންނަށް ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުންކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ދޫކުރާ ގޯއްޗަށް އެދި ފޯމް ހުށައެޅުމަށް މިދިޔަ އާދިއްތަ ދުވަހު ފުރުޞަތު ހުޅުވާޅާފައިވާއިރު އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް ފޯމްތައް ބަލައިގަންނަމުންދާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރުމަށް ނިންމަވާފައިވަނީ، އަކަފޫޓެއް 400 ރުފިޔާގެ މަގުންނެވެ. އެއްހާސް އަކަފޫޓްގެ އަގަކީ ހަތަރު ލައްކަ ރުފިޔާއެވެ.