ޚަބަރު

ޤާނޫނީ ޓީމަށް ދަނީ ބިރުދައްކާ، އިންޒާރު ދެމުން - ޕީޕީއެމް


ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ދުސްތޫރީއެއް މައްސަލައެއް ހުށަހެޅުމާއެކު، ޕީޕީއެމްގެ ގާނޫނީ ޓީމަށް ބޮޑެތި އިންޒާރުތައް ދެމުން އަންނަ ކަމަށް އެޕާޓީން ބުނެފިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ނެރުނު ބަޔާނެއްގައި ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އެ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީއެއް މައްސަލައެއް ހުށަހެޅި ހިސާބުން ފެށިގެން އެ ޕާޓީގެ ޤާނޫނީ ޓީމަށް ތަފާތު އިންޒާރުތައް ލިބެމުންދާ ކަމަށެވެ. އަދި އެޕާޓީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޕީޕީއެމްގެ ބަޔާނުގައި ވަނީ އެ ޕާޓީގެ މެމްބަރުންނަށް ބިރު ދެއްކުމަށްޓަކާ ފުރައްސާރަކޮށް އަބުރު ކަތިލާ މަރުގެ އިންޒާރުދީ ހަޤީގަތާއި ޚިލާފު ދޮގު ވާހަކަ ފެތުރުންފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގިނަމަވެސް އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ މަގުޞަދު ހާސިލުނުވާނެ ކަމަށް ބުނެފައެވެ. އަދި އެ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

ޕީޕީއެމްގެ ޤާނޫނީ ޓީމަށް އިންޒާރުތައް ދެމުންދާ ފަރާތްތަކަކީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެކްޓިވިސްޓުން ކަމުގައިވާނަމަ، އެ ޕާޓީތަކުން އެ ފަރާތްތަކުގެ އެ އަމަލު ހުއްޓާލުމަށާއި އިދިކޮޅު ސިޔާސީ ޕާޓީތަކަކީ ޑިމޮކްރެސީގެ ވާހަކަ އެންމެ ގިނައިން ދައްކާ ބަޔަކަށް ވީހިނދު، ޑިމޮކްރެސީގައި ހުންނަ ރިވެތި އުސޫލުތަކުން އަމަލުން ދެއްކުމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ޕީޕީއެމުން ވަނީ އެ ޕާޓީގެ ޤާނޫނީ ޓީމުގެ މެމްބަރުންގެ ހިމާޔަތުގައި ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އަދި މަރުގެ އިންޒާރުތަކާއި މިފަދަ ސީރިއަސް މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުޤީގުކޮށް އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ޕީޕީއެމުން ބުނެފައެވެ.