ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ޙަމީދުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދަޢުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
މި ބޭފުޅުން ރިޝްވަތު ހިފި ކަމަށް ބުނެ ދަޢުވާކުރީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރިޝްވަތުގައި ހިފި ކަމަށްބުނެއެވެ. މި މައްސަލާގައި މި ދެ ބޭފުޅުންގެ އިތުރުން ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް ޙަސަން ސަޢީދުގެ މައްޗަށްވެސް ވަނީ ރިޝްވަތު ހިފި ކަމުގެ ދަޢުވާ ކޮށްފައެވެ.
މި ތިން ބޭފުޅުންނަށް ރިޝްވަތު ދީފައިވަނީ ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ސިޔާދު ޤާސިމް ކަމަށް ދަޢުލަތުން ބުނެފައިވީ ނަމަވެސް ސިޔާދުގެ މައްޗަށް ކުރި ރިޝްވަތު ދިނުމުގެ ދަޢުވާ ހެކި ހުށަހެޅިފައި ނުވާތީ ކްރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ސިޔާދުގެ މައްސަލާއިގެ އަޑުއެހުމުގައި ޤާޒީ އަޙްމަދު ޙައިލަމް ވަނީ ސިޔާދުގެ މައްޗަށް ރިޝްވަތު ދިންކަން ސާބިތުކޮށް ނުދެވިއްޖެނަމަ މި މައްސަލާގައި ރިޝްވަތު ހިފި ކަމަށްބުނާ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ޙަމީދު އަދި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް ޙަސަން ސަޢީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ މައްސަލަ ކުރިއަށް ގެންދިއުމުގެ އެއްވެސް އިހްތިސޯސެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެފައެވެ.
ޢަބްދުﷲ ސަޢީދާއި ޢަލީ ޙަމީދު އަދި ޙަސަން ސަޢީދުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ރިޝްވަތު ހިފި ކަމުގެ ދަޢުވާ ބާތިލްކޮށްފައިވާއިރު މި ތިން ބޭފުޅުން މިހާރުވެސް ގެންދަވަނީ އެހެން މައްސަލައެއްގައި ޖަލު ޙުކުމެއް ތަންފީޒު ކުރަމުންނެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދާއި ހަސަން ސައީދަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލް ކުރިއިރު، އެ ބޭފުޅުން މިހާރު ވެސް ގެންދަވަނީ އެހެން މައްސަލަތަކެއްގައި ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. އެގޮތުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި ކުރީގެ އުއްތަމަ ފަނޑިޔާރަށް ތިން އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައިސްފައިވާއިރު މި މައްސަލާގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ޙަމީދަށްވެސް ވަނީ ތިން އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައިސްފައެވެ. އަދި ފުލުހުންނަށް ފިއްލަވައިގެން އުޅުއްވިކަން ސާބިތުވެ ޙަސަން ސައީދުގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އައިސްފަ އެވެ.