ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު ސިޔާދު ޤާސިމްގެ މައްޗަށް ދަޢުލަތުން އުފުލި ރިޝްވަތު ދިން ކަމުގެ ދަޢުވާ ކުރިމިނަލް ކޯޓުން ބާތިލްކޮށްފި އެވެ.
ސިޔާދުގެ މައްޗަށް ދަޢުލަތުން ރިޝްވަތު ދިން ކަމުގެ ދަޢުވާގައި ވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފާސް ކުރުމުގެ ތެރޭގައި ފެނުނު ބެކް ޕެކްއެއްގެ ތެރެއިން ސިޔާދު ޤާސިމް ސޮއި ކޮށްފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެމަނިކުފާނުގެ ދަރިކަލަށް 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެ ސިޓީން އެނގޭ ކަމަށްވެސް ދަޢުލަތުން އުފުލާފައިވާ ދަޢުވާގައި ވަނީ ބުނެފައެވެ.
ސިޔާދުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ ދައުވާއެއްތޯ ކަނޑައެޅުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ދަޢުލަތުން ވަނީ މައްސަލައާ ގުޅުންހުރި ބައެއް ލިޔުންތައް ހުށަހަޅާފައެވެ.
ނަމަވެސް މައްސަލައިގެ ދަޢުވާގައިވާ ކަންކަން ސާބިތު ކުރުމަށްޓަކައި ދަޢުލަތުން ހެކި ހުށަހަޅާފައިނުވާތީ އެ މައްސަލަ ބާތިލް ކުރުމަށް މައްސަލަ ބައްލަވާ ޤާޒީ އަޙްމަދު ޙައިލަމް ވަނީ ނިންމަވާފައެވެ. ޤާޒީ ވިދާޅުވީ، ޢަބްދުﷲ ސައީދާއި އަލީ ހަމީދާ ގުޅުންހުރި ފަރާތްތަކުން މެލޭޝިއާ އިން ރިޒާވްކުރި ފްލެޓްތަކަށް ވިލާއިން ފައިސާ ދެއްކިކަމުގެ ހެއްކާއި ޤަރީނާ ދަޢުލަތުން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން ސާބިތުކޮށްދޭން ވެސް އެއްވެސް ހެއްކެތް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ޤާޒީ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދަން ދައުލަތައް އެކިށީގެންވާ ފުރުޞަތު ދެވިފައިވާ ކަމަށާއި އެފުރުޞަތުގައިވެސް ދަޢުލަތުން މި މައްސަލައާ ގުޅުން ހުރި ހެކި ހުށަހަޅާފައިނުވާތީ މި މައްސަލައަކީ މަދަނީ މިންގަނޑުތަކުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަކަށް ކޯޓުން ގަބޫލު ނުކުރާ ކަމަށްވެސް ޤާޒީ ޙައިލަމް ވަނީ ވިދާޅުވެފައެވެ.
ޤާޒީ ވިދާޅުވީ ސިޔާދުގެ މައްޗަށް ރިޝްވަތު ދިންކަން ސާބިތުކޮށް ނުދެވިއްޖެނަމަ މި މައްސަލާގައި ރިޝްވަތު ހިފި ކަމަށްބުނާ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ޙަމީދު އަދި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް ޙަސަން ސަޢީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ މައްސަލަ ކުރިއަށް ގެންދިއުމުގެ އެއްވެސް އިހްތިސޯސެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައިވެސް ވަކިވަކިން ޝަރީއަތް ކުރިއަށް ގެންދިއުމަށް ބާރު އަޅުއްވާފައިވާ ކަމަށް ވެސް ޤާޒީ ޙައިލަމް ވިދާޅުވިއެވެ.