ޚަބަރު

"ކޯސްޓަލް ކްލީން އަޕް ޑޭ" ފާހަނގަ ކުރުން ފުވައްމުލަކުގައި


ބައިނަލް އަޤުވާމީ "ކޯސްޓަލް ކްލީން އަޕް ޑޭ" ފާހަނގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ސާފުކުރުމުގެ ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ފުވައްމުލައްސިޓީ ކައުންސިލުން ނިންމައިިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ "ކޯސްޓަލް ކްލީން އަޕް ޑޭ" ފާހަގަކުރުމުގެ ގޮތުން މިފަދަ ޕްރޮގުރާމެއް ބޭއްވުމުގެ ޢަމާޒަކީ ކުނީގެ މައްސަލައަކީ މިހާރު މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވެފައި، ކަނޑާއި ހޭޅިފަށަށް ކުނިއެޅުމުގެ ސަބަބުން ، ކަނޑުގެ މާޙައުލަށާއި ދިރުންތަކަށާއި، އިންސާނުންގެ ޞިއްޙަތަށާއި ދުނިޔެއަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކާއި މެދު އާންމުންގެ ހޭލުންތެރިކުރުން އިތުރުކުރުންކަމުގަވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކޯސްޓަލް ކްލީން އަޕް ޕްރޮގުރާމު ފެށުމަށް ހަމަޖެހިފައިވަނީ ފުވައްމުލައްސިޓީގެ ދޫޑިގަން އަވަށު ބޮޑު ފަންނު ޞަރަޙައްދުން، ހޮނިހިރު ދުވަހުގެ ހަވީރު 3:45 ގައެވެ. ސާފުކުރުމުގެ މިޙަރަކާތުގައި ސިޓީގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ސީޓީ ކައުންސިލުން ވަނީ އެދިފައެވެ.

ބައިނަލްއަޤުވާމީ ފެންވަރެއްގައި ކޯސްޓަލް ކްލީން އަޕް ޑޭ ފާހަނގަ ކުރަނީ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގައި މިފަހަރު ރަސްމީކޮށް މިދުވަސް ފާހަގަކުރީ އައްޑޫސިޓީގައެވެ. އެހެންނަމަވެސް ރާއްޖޭގެ އެހި ޞަރަޙައްދުތަކުގައި މިދުވަސް ފާހަގަކުރުމުގެ ގޮތުން ސާފުކުރުމުގެ ގިނަ ޕްރޮގުރާމުތަކެއް ކުރިޔަށްގެންދިޔައެވެ.