ޚަބަރު

އިންތިޚާބީ ރައީސްއާ ޗައިނާ ސަފީރު ބައްދަލުކުރައްވައިފި


އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުއާ ރާއްޖެއަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަން ލިޖޮންގްއާ ބައްދަލުކުރައްވައިފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރިޔާސީ އިންތިޚާބުގައި އިބްރާޙީމް މުޙައްމަދު ޞާލިޙު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. މި ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ ވެރިކަމެއްގައި ޗައިނާއާ ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޗައިނާ ސަފީރު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ޗައިނާއަށް ވަޑައިގަތުމަށް ޗައިނާ ސަފީރު ވަނީ އިންތިޚާބީ ރައީސަށް ދަޢުވަތު އަރުވާފައެވެ.

ޗައިނާ ސަފީރުގެ އިތުރުން ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޚާއްސަ މަންދޫބެއް ވެސް ވަނީ އިންތިޚާބީ ރައީސްއާ މިއަދު ބައްދަލުކުރައްވާފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އިންތިޚާބީ ރައީސަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިން މަރުޙަބާ ދަންނަވަމުން ގެންދަވާއިރު ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން އޮމާން ކަމާއިއެކު ކުރިއަށް ގެންދިއުމަށް ޤައުމުތަކުން ވަނީ ގޮވާލާފައެވެ.