މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ބައެއް ރަށްރަށުގެ އިމާރްތަތަކާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ރާއްޖޭގެ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ކޮޅުމަޑުލު ގުރައިދޫއާއި، އަރިއަތޮޅު އުތުރުބުރީ ރަސްދޫގެ ބައެއް ތަންތަނާއި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ކޮޅިގަނޑެއްގައި ވައިގަދަވެ، ތ. ގުރައިދޫ ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އއ. ރަސްދޫ މިސްކިތުގެ މުންނާރު ވަނީ ވެއްޓިފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ގުރައިދޫ ކައުންސިލުން ބުނީ ވިއްސާރައިގާ ވައިގަދަވެ ވާރޭ ވެހުމުގެ ސަބަބުން އެރަށު ބަނދަރުގެ ތޮށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެކަމުގެ ސަބަބުން ލަފާ ފުރުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ. ގުރައިދޫ ކައުންސިލުން ބުނީ އެރަށު ބަނދަރަކީ ވަރަށް ގިނަދުވަސްވެފައިވާ ބަނދަރަކަށްވެފައި އެތަން މަރާމާތުނުކޮށް ގިނަ ދުވަސްވެފައިވުމުން ބަނދަރުގެ ތޮށިގަނޑު ކުރިންވެސް އޮތީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި ކަަމަށެވެ.
ގުރައިދޫ ކައުންސިލުން ބުނީ އެރަށު ބަނދަރު މަރާމާތުކުރުމަށް ދެ އަހަރަކު ބަޖެޓްކުރި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތްކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން ކައުންސިލާއި ރައްޔިތުންގެ އެދުމަކީ ކައިރި މުސްތަގުބަލެއްގައި އެމައްސަލަ ހައްލުވެގެން ދިއުންކަމަށް ކައުންސިލުން ބުނެއެވެ.
އއ. ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލްޖަލީލް މޫސާ ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ޖެހުނު ގަދަވަޔަކާއެކު އެރަށު މިސްކިތުގެ މުންނާރު ވެއްޓި ހަލާކުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިސްކިތުގެ މުންނާރު ވެއްޓުނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށާއި، މިހާދިސާގައި މިސްކިތުގެ އެހެން ތަނަކަށް އަދި އެއްވެސް މީހަކަށްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ރާއްޖޭގެ އެކިކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ބައެއް ގަޑިތަކުގައި ވައިގަދަވުމުގެ ސަބަބުން ބައެއް އިމާރާތްތަކަށާއި މީހުންގެ މުދަލަށް ދަނީ ގެއްލުންތަކެއް ވަމުންނެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެމުންދާއިރު މުދުވަސްވަރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.