ޚަބަރު

އެންމެ ވޯޓަކުން ބަލިވިއަސް ބަލި ޤަބޫލުކުރަންޖެހޭ - ރައީސް މަޢުމޫން


އެންމެ ވޯޓަކުން ބަލިވި ކަމުގައިވިއަސް ބަލި ޤަބޫލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ޞާލިހު، އިބޫއާ މިއަދު ބައްދަލު ކުރެއްވުމަށްފަހު މީޑިއާ ވާހަކަފުޅު ދައްކަވަމުން ރައީސް މަޢުމޫން ވިދާޅުވީ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މަޢުމޫން ވަނީ 2008ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން އެމަނިކުފާނުގެ ތަޖުރިބާއާ އޭރު ކަން ހިނގާދިޔަ ގޮތް ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.

އެގޮތުން 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމަނިކުފާނަށް 46 ޕަސެންޓު ވޯޓު ލިބިވަޑައިގަތުމުން ވޯޓުގެ ނަތީޖާ ޤަބޫލުފުޅު ނުކުރެއްވުމަށާއި ވޯޓު އަލުން ގުނުމަށް އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަތް ކަމަށް ރައީސް މަޢުމޫން ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު އެ އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅު ކުރައްވާ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގުޅުއްވައި މަރުޙަބާ ދެންނެވިން ކަމަށް ރައީސް މަޢުމޫން ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރެއްވީ ޤައުމީ މަޞްލަޙަތު އިސްކޮށް ޤައުމު ހަލަބޮލި ކަމެއްގެ ތެރެއަށް ވައްޓާ ނުލައްވާން ކަމަށް ރައީސް މަޢުމޫންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އެންމެ ވޯޓަކުން ބަލިވިޔަސް ބަލި ގަބޫލު ކުރައްވާށޭ، އެޔޭ ޑިމޮކްރަސީއަކީ، މައްސަލަ ނުޖައްސަވާށޭ، ރައްޔިތުން އަނެއްކާ ފިތުނައެއްގެ ތެރެއަށް ވައްޓާ ނުލައްވާށޭ، ރައްޔިތުންގެ ސަލާމަތަށްޓަކައި ނަތީޖާ ގަބޫލުކޮށްގެން ރީތިކޮށް ރައްޔިތުންނަށް ހިނިތުންވެލާފައި އަލްވަދާޢު ކިޔާފަ ދާށޭ، އެޔޭ ގޮތަކީ،" ރައީސް މަޢުމޫން ވިދާޅުވިއެވެ.

ރައީސް މަޢުމޫން ވަނީ އެމަނިކުފާނު 2008ވަނަ އަހަރު ކަން ކުރެއްވި އުޞޫލުން ރައީސް ޢަބްދުﷲ ޔާމީންވެސް ކަން ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި ދިވެހި ރައްޔިތުންވެސް ސާބިތުކަމާއި އެކީގައި ތިއްބެވުމަށް ރައީސް މަޢުމޫން ވަނީ ގޮވާލައްވާފައެވެ.