ސަރުކާރު ހިއްސާ އޮންނަ މުވާސަލާތީ ކުންފުނި ދިރާގުގެ އިސްވެރިންނާއި ކުންފުނީގެ މުވައްޒަފުންނާއި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދް ޞާލިހް ބައްދަލް ކުރައްވައިފިއެވެ.
ދިރާގު މައި އޮފީހުގަ މިއަދު އޮތް މި ބައްދަލުވުމުގަ އިބްރާހިމް މުހައްމަދް ޞޯލިހްވަނީ ދިރާގަށް ވަޑައިގެން މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ. އިބްރާހިމް މުހައްމަދް ޞޯލިހްވަނީ މި ކުންފުނީގެ އިސްވެރިންނާ ބައްދަލުކޮށް ދިރާގަށް ދިމާވާ ދަތިތަކާ އަދި ކުރިއަށް ދެވޭނެ ގޮތްތަކާ ގުޅެގޮތުން މަޝްވަރާކުރައްވާފައެވެ. ސަރުކާރު ކުންފުނިތަކާ މުއައްސަސާތަކާ އިންތިހާބީ ރައީސް ބައްދަލުކުރައްވަމުން ގެންދަވާއިރު އިންތިހާބީ ނައީބްރައީސް ވަނީ މިއަދުގެ ވަގުތެއްގަ އޯޓިޒަމް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާއި ބައްދަލެކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަންގެ ފަރާތުން އިންތިހާބީ ނައިބް ރައީސްގެ އަރިހުންވަނީ ޓީޗަރުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ސަރުކާރުގެ ފަރާތުން ލިބޭނޭ ގޮތް ހައްދަވައިދެއްވުމަށް އެދިލައްވާފައެވެ. އަދި ސްޕެޝަލް އެޑިއުކޭޝަން ޓީޗާރސް ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކޮށްދިނުމަށް އެދިލައްވާފައިވާއިރު، ސަރުކާރުގެ ދަތުރު ތަކުގެ ތެރެއިން ތަމްރީނު ޕްރޮގްރާމަށް ޖާގަ ލިބޭނޭގޮތް ހައްދަވައިދެއްވުމަށް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުންވަނީ އިންތިޙާބީ ނައީބް ރައީސަށް ދަންނަވާފައެވެ.
އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ރިޔާސީި ދައުރު ހަމަވާއިރު ސަރުކާރާ އަލަށް އިންތިޚާބްވެ ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދް ޞާލިހަށް އަންނަނީ ވެރިކަން ބަދަލު ކުރުމުގެ މަރްހަލާގެ ކަންކަން ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކުރަމުންނެވެ. އެގޮތުން އިބްރާހިމް މުހައްމަދް ޞާލިހްގެ ފަރާތުންވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ހ.ސީވީޑް އަހްމަދް ލަތީފްގެ ނަން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައެވެ.