ޚަބަރު

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ލަތީފްގެ ނަން ފޮނުވައިފި


ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެރިކަން ބަދަލުކުރުމުގެ މަރުޙަލާއާބެހޭ ޤާނޫނުގެ ދަށުން އައްޔަންކުރަންޖެހޭ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ހ. ސީވީޑް އަޙްމަދު ލަތީފް އައްޔަންކުރުމަށް ރައީސް މުންތަޚަބް އިބްރާޙީމް މުޙައްމަދު ޞާލިޙު ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުންތަޚަބްގެ ތަރުޖަމާން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ މަރުޙަލާގައި ކުރިއަށްދާނެ ކަންކަން އަވަސް ކުރުން އޮތީ ސިވިލް ސަރވިސް ކޮމިޝަންގެ އަތްމަތީގައި ކަމަށެވެ. އެގޮތުން އިންތިޚާބީ ރައީސްގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސްސިޝަންގެ މަޤާމަށް ހުށަހަޅާފައިވާ ނަންފުޅު އެ މަޤާމަށް ޢައްޔަންކޮށްދެއްވާ ފަހިކޮށްދެންޖެހޭ ކަންކަން ވީހާވެސް އަވަހަކަށް ފަހިކޮށްދެއްވުމަށް މާރިޔާ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ އިސްވެރިންނަށް އިލްތިމާސްކޮށްފައެވެ.

"އެބޭފުޅުން ވީހާވެސް އަވަހަކަށް ސިވިސް ސަރވިސްއަށް ފޮނުއްވި ޑީޖީޓީގެ ނަންފުޅު އެ މަޤާމަށް ޢައްޔަންކޮށްދެއްވާ އަދި ދެއްވަންޖެހޭ ފަހިކޮށްދެއްވަންޖެހޭ ކަންކަން މަސައްކަތް ކުރާނެ ތަނާއި ކުރެވޭނެ ގޮތާއި އަދި މިނޫންވެސް ކަންކަން ޤާނޫނުގައި އެހުރި ކަންކަން ފަހިކޮށްދެއްވުމަށް އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ގޮވާލައްވާ،" މާރިޔާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މާރިޔާ ވަނީ ދުވަހުން ދުވަހަށް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ނޫން އެހެން ކަންކަން ސަރުކާރުގެ ތެރެއިން ނުކުރުމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

2010 އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވެރިކަން ބަދަލުކުރުމުގެ ޤާނޫނުގައި ބުނެފައިވަނީ ރައީސުލްޖުމްޙޫރިއްޔާކަމުގެ މަޤާމަށާއި ރައީސުލްޖުމްޙޫރިއްޔާގެ ނާއިބުގެ މަޤާމަށް އިންތިޚާބުވާ ފަރާތެއް އެދިއްޖެނަމަ ރައީސުލްޖުމްޙޫރިއްޔާ ބޭނުންކުރުމަށް އެކަށީގެންވާ އޮފީހަކާއި އެ އޮފީހަށް ބޭނުންވާ އެންމެހައި ތަކެތި ހަމަޖައްސައިދިނުމާއި އޮފީހަށް ބޭނުންވާ މުވައްޒަފުންނާއި އެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތް ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ހަމަޖައްސައި ދެއްވަންޖެހޭނެ ކަމަށެވެ.

މި ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވާ ބޭފުޅަކު އެދޭގޮތަށް ސިވިލް ސަރވިސް ކޮމިޝަނުންނެވެ.