ޚަބަރު

އެންމެ ކުރިއަރާފައިވާ ޑައިވް ރިސޯޓްގެ އެވޯޑް ރާއްޖޭގެ ރިސޯޓަކަށް


ދެކުނު އޭޝިއާގެ "ލީޑިންގ ޑައިވް ރިސޯޓު" ގެ އެވޯޓް ރާއްޖޭގެ އަދާރަން ސިލެކްޓް މީދުއްޕަރު ރިސޯޓަށް ލިބިއްޖެއެވެ.

އިންޑިއާގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއްކަމުގައިވާ ތާޖްމެހެލްގައި ބޭއްވި "ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް" 2018 ގައި އަދާރަން ސިލެކްޓް މީދުއްޕަރު ރިސޯޓަށް، ސައުތް އޭޝިއާގެ އެންމެ މޮޅު ޑައިވިންގް ޑެސްޓިނޭޝަންގެ އިތުރުން، ރާއްޖޭގެ އެންމެ މޮޅު ޑައިވިންގް ޑެސްޓިނޭޝަންގެ އިނާމުވެސް ލިބިފައިވެއެވެ.

ސަޓާ އެވޯޑްސްއިން މީދުއްޕަރު ރިސޯޓަށް ފާހަގަކޮށްލެވޭ އެވޯޑެއް ލިބިފައިވާއިރު މީގެ ކުރިންވެސް އެރިސޯޓަށް ވަނީ ޓްރިޕް އެކްސްޕާޓުންދޭ "އެކްސްޕާޓް ޗޮއިސް އެވޯޑް" އަދި "ބެސްޓް އޮފް މޯލްޑިވްސް"ގެ އެވޯޑް ލިބިފައެވެ.

އަދާރަން ސިލެކްޓް މީދުއްޕަރު ރިސޯޓުގައި 20 ވޯޓަރ ވިލާއާއި، ފަތުރުވެރިންނަށް ޚާއްސަކޮށްގެން ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް ލިބެއެވެ. އޭގެތެރޭގައި ސްކޫބާރ ޑައިވިންގ، ވިންޑް ސާރފިންގ އަދި ވޯޓަރ ސްކައިންގ ފަދަ ކުޅިވަރުތައް ހިމެނެއެވެ.

އަދާރަން ސިލެކްޓް މީދުއްޕަރު ރިސޯޓަކީ ސްރީލަންކާގެ އައިޓްކިން ކުންފުނީގެ ބްރޭންޑެކެވެ. އަދާރަން ބްރޭންޑްގެ ދަށުން ރާއްޖޭގައި 6 ރިސޯޓް ހިންގަމުންދާއިރު އެކުންފުނީގެ ހުރިހާ ރިސޯޓަކުންވެސް ދަނީ ދުނިޔޭގެ މަޤްބޫލުކަން ހޯދަމުންނެވެ. މިފަހަރުގެ ސައުތް އޭޝިއަން ޓްރެވެލް އެވޯޑަށް ދިވެހިރާއްޖެއާއި އިންޑިއާއި، ސްރީލަންކާ އަދި ބޫޓާންގެ އިތުރުން ނޭޕާލްއިން ވާދަކުރިއެވެ. 5 ޤައުމުން 500 އަށްވުރެ ގިނަ ރިސޯޓް އެވޯޑަށް ނޮމިނޭޓްވިއިރު 36 ދާއިރާއަކުން މިހަފްލާގައި އެވޯޑު ދީފައިވެއެވެ.

ސަޓާ ނުވަތަ ސައުތް އޭޝިއަން ޓްރެވެލް އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. 2017 ވަނަ އަހަރުގެ ސަޓާ އެވޯޑްސް ރާއްޖޭގައި ބާއްވާފައިވާއިރު ފާއިތުވި އަހަރު އަދި މިއަހަރުވެސް ސަޓާ އެވޯޑްސްގެ މީޑިއާ ޕާޓްނާރ އަކީ ޕީއެސްއެމްގެ މޯލްޑިވްސް ޓީވީއެވެ.