ޚަބަރު

ރަސްމީ ނަތީޖާއާ އެކު ޕާޓީތަކުން އުފާ ފާޅުކުރަން ފަށައިފި


ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދާޢިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާން ކުރުމާއި ގުޅިގެން އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާޙީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ނާއިބެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގެން ފައިސަލް ނަސީމަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން މާލޭގައި ޙަރަކާތްތަކެއް ބާއްވައިފިއެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މި ޙަރަކާތްތަކަކީ އިންތިޚާބުގައި ކާމިޔާބުވުމުން އެމްޑީޕީއާ އަދި އެޕާޓީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޙަރަކާތްތަކެކެވެ. އެގޮތުން އާރޓްފިޝަލް ބީޗު ސަރަޙައްދުގައި ހުންނަ އެމްޑީޕީ ހަރުގޭގައި މިއަދު އޮތް ޙަރަކާތުގައި އިބްރާޙީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމަށް ތާޢީދު ކުރާ ފަރާތްތައް ވަނީ އިންތިޚާބު ކާމިޔާބުވުމުން އެފަރާތްތަކުގެ ޝުޢޫރު ފާޅުކޮށްފައެވެ. އަދި އިންތިޚާބީ ރައީސާއި ނާއިބު ރައީސް ވަނީ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ސަލާމްކުރައްވާފައެވެ.

އެމްޑީޕީ ހަރުގޭގައި އޮތް ޙަރަކާތް ނިންމާލެއްވުމަށްފަހު އިންތިޚާބީ ރައީސާއި ނާއިބު ރައީސް ވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި އޮތް ޙަރަކާތެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ކުނޫޒުގައި މިއަދު އޮތީ ވ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން އިބްރާޙީމް މުޙައްމަދު ޞާލިޙާއި ފައިސަލް ނަސީމަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވި ޙަރަކާތެކެވެ.

މި މަހުގެ 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާޙީމް މުޙައްމަދު ޞާލިޙު ކާމިޔާބު ކުރެއްވުމުން މާލެއާ އަތޮޅުތަކުގައި އަންނަނީ އުފާފާޅު ކުރުމުގެ ގިނަ ޙަރަކާތްތަކެއް ބާއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވިކަން ރަސްމީކޮށް އިޢުލާންކުރެއްވުމާގުޅިގެން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ވެވަޑައިގަންނަވާނީ ހުރިހާ ދިވެހިރައްޔިތުންގެ ރައީސަށްކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާންކުރި ރިޔާސީ އިންތިޚާބުގެ ދާޢިމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން އެންޑޯޒްކޮށްފައިވާ ވަގުތީ ނަތިޖާއާ މާބޮޑު ފަރަގެއް ނެތް ނަތީޖާއެކެވެ.