ޚަބަރު

"ހިޔާ" ގެ ފޯމް ބަލައިގަތުމުގެ މުއްދަތު މާދަމާ ހަމަވާނެ


ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު "ހިޔާ" ގެ ފޯމް ދޫކުރުމާއި ބަލައިގަތުމުގެ މުއްދަތު މާދަމާރެއަށް ހަމަވާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަޙްމަދު ފަޒާލް ވިދާޅުވީ އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 11 ޖެހުމާހަމައަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ކަންކަން ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެކަމަށެވެ. އެގޮތުން ހެނދުނު 9 އިން މެންދުރު 2 އަށް، ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް ފޯމު ބަލައިގަތުމުގެ ކަންކަން ކުރިއަށްދާނެކަމަށް ފަޒާލް ވިދާޅުވިއެވެ. ފޯމް ބަލައިގަތުމުގެ މުއްދަތު މާދަމާރެއަށް ހަމަވާއިރު އެންމެ ފަހު ވަގުތަށް މަޑުނުކުރައްވާ މި ފުރުޞަތުގެ ބޭނުން ހިފުމަށް ހައުސިންގ މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށްއެދި އަށާރަ ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ފޯމް ހުށަހަޅާފައިވާކަމަށެވެ.

ސަރުކާރުން އިޢުލާންކޮށްފައިވާ ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 7000 ހައުސިންގ ޔުނިޓް އެކުލެވިގެންވަނީ 25 ބުރީގެ 16 ޓަވަރުގެ މައްޗަށެވެ.