ޚަބަރު

މަޙްލޫފުގެ މައްޗަށް ކުރި ދެ ދަޢުވާވެސް ބާތިލްކޮށްފި


ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފުގެ މައްޗަށް ކުރާ ދަޢުވާތައް ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށް، ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްފައިވަނީ މަޙްލޫފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމުގެ ދަޢުވާ އާއި ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މަޢުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާއެވެ. މަޙްލޫފަށް ޓެރަރިޒަމްގެ ދަޢުވާ ކުރަން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާފުށީ ޖަލު ކުރިމަތީގައި ކުރި މުޒާހަރާއާ ގުޅިގެންނެވެ. ނގާފައިނުވާ ކަމެއް ހިނގި ކަމުގެ މަޢުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާ ކުރުމަށް ނިންމާފައިވަނީ އަޙްމަދު އަދީބަށް ޒަހަރުދީ މަރާލަން އުޅޭ ކަމަށް ވިދާޅުވެ މަޙްލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

މި ދެ މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި ވަނީ އަޑުއެހުމެއް ބާއްވާފައެވެ. އެ އަޑުއެހުމަކީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމައި ދަޢުވާ ކުރަން ނިންމާފައިވާ މައްސަލައަކީ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ބެލުމަށް ބޭއްވި އަޑުއެހުމެކެވެ.

ޓެރަރިޒަމްގެ ދަޢުވާ ބާތިލް ކުރައްމުން ކްރިމިނަލް ކޯޓުގެ ޤާޒީ އިބްރާޙީމް ޢަލީ ވިދާޅުވީ މަޙްލޫފުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދަޢުވާކޮށްފައި ވަނީ އެކަށީގެންވާ ޤާނޫނީ މާއްދާއަކުން ނޫން ކަމަށެވެ. ދެވަނަ ދަޢުވާ ބާތިލް ކުރައްވަމުން ޤާޒީ ވިދާޅުވީ ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މަޢުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދަޢުވާ ބާތިލުކޮށް މަދަނީ ގޮތުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ގޮތުގައި ނިންމީ ޖިނާޢީ އިޖުރާއަތުގައި ބުނާ އިޖުރާއަތުތައް އެ މައްސަލާގައި ފުރިހަމަ ނުވާ ކަމަށެވެ.

ޖިނާއީ މައްސަލަތަކުގައި ތަޙްގީޤް ހިންގަންޖެހޭ މިންވަރަށް މަޙްލޫފް ކުރެއްވި ޓްވީޓްގެ މައްސަލާގެ ތަޙްގީޤް ކުރިއަށް ގެންގޮސްފައިނުވާކަން ވެސް ޤާޒީ އިބްރާޙީމް ޢަލީ ވަނީ ވިދާޅުވެފައެވެ.

މަޙްލޫފްގެ މައްޗަށް ކުރާ ދެ ދަޢުވާއެއް ކޯޓުން ބާތިލްކޮށްފައިވާއިރު މަޙްލޫފުގެ މައްޗަށް އިތުރު ދަޢުވާއެއް ވަނީ ކޮށްފައެވެ. އެއީވެސް އޭނާ ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. އެ މައްސަލާއިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު އެ މައްސަލަ މިހާރު އޮތީ ޙުކުމް ކުރުމުގެ މަރުޙަލާގައެވެ. ދާދި ފަހަކާއި ޖެހެންދެން މަޙްލޫފު ހުންނެވީ ގޭ ބަންދުގައެވެ. ނަމަވެސް ކޯޓުން ވަނީ އަލުން އެ މައްސަލަ ރިވިއު ކުރުމަށްފަހު އެއްވެސް ޝަރުތަކާއި ނުލައި މަޙްލޫފް ދޫކޮށްލާފައެވެ.