ޚަބަރު

ވަޢުދުތައް ފުއްދުމަށް އެމްޑީޕީގެ އެއްބާރުލުން ބޭނުން - އިންތިޚާބީ ރައީސް


އިންތިޚާބުގެ ކުރިން ރައްޔިތުންގެ ގާތު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެއްވުމަށް އެމްޑީޕީ ޤައުމީ މަޖިލީހުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުވީ ވަރަށް ޕާޓީތައް އެކުލެވޭ ކޯލިޝަނަކުން ކުރި މަސައްކަތުން ކަމަށެވެ. އެހެންކަމުން ކޯލިޝަން ދެމެހެއްޓުމަށް ވެސް އެމްޑީޕީ ޤައުމީ މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ އެއްބާރުލުން ޤައުމީ މަޖިލީހުގެ ފަރާތުން ލިބޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

"މިހާރު މިކަޑައްތު ކުރާ މަރުހަލާ އާއި ސަރުކާރު އެކުލަވާލުމަށް ފަހުގައި ދެން ކުރަން އޮތް ކަންތައްތަކުގައި ވެސް ތިބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑުމެން ބޭނުންވާނެ ވާހަކަ ދައްނަވާލަން،" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުޙަލާތައް މިހާރު ފެށިފައިވާ ކަމަށް ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ސަރުކާރާއި ޙަވާލުވެވަޑައިގަންނަވާއިރު ދިވެހި ރައްޔިތުން ބޭނުންވި ބަދަލުތައް ފެނިގެންދާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުގެ އެއްބާރުލުން އެމަނިކުފާނު ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

"ކުރިޔަށް އޮތީ ފަސޭހަ ދުވަސްވަރެއް ނޫން، ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ، މި ޓްރާންސިޝަންގެ ތެރޭގައި ވެސް އެންމެން އެކީގައި އެއްބާރުލުން ދިނުމަށް އެދެން, މަސައްކަތްތައް ފެށިގެންދާއިރު ވެސް ހާއްސަކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދައުރު ވަރަށް މުހިންމު ވާނެ،" އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި އެކީގައި ދިމާވާ ދަތިތައް ހުރަސްކޮށް ރައްޔިތުން ޙަވާލުކުރި މަސައްކަތް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކީގައި ކުރާނެ ކަމަށެވެ.