ޚަބަރު

ހިޔާ މަޝްރޫޢުގެ ދަށުން އަޅާ ކަސްޓަމްސްގެ 4 ޓަވަރުގެ ބިންގާ އަޅައިފި


ހިޔާ މަޝްރޫޢުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބިނާކުރާ 14 ބުރީގެ 4 ޓަވަރުގެ ބިންގާ އަޅައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ހިޔާ މަޝްރޫޢުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބިނާކުރާ ޓަވަރު ބިންގާއަޅުއްވާދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް އިސްމާއިލް ނާޝިދާއި، ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ ސީއީއޯ ސުޕްރިންޓެންޑެންޓް މުހައްމަދު މާނިއުއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބިނާކުރާ ޓަވަރުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ ސީއީއޯ ސުޕްރިންޓެންޑެންޓް މުހައްމަދު މާނިއު ވިދާޅުވީ ޤައުމު ބިނާކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރަނީ ކުންފުނިތަކުގެ މުވައްޒަފުންކަމަށެވެ. އަދި މި މަޝްޢޫއާއެކު މުވައްޒަފުންނަށް އުފާވެރިކަން ލިބިއްޖެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުންފުނިތަކުގެ މުވައްޒަފުންނަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ހިޔާ މަޝާރޫއު"އަކީ ސަތޭކަ ހާސް މީހުންގެ އާބާދީއަކަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން 14 ފަންގިފިލާގެ 4 ޓަވަރު ކަސްޓަމްސްއިން އަޅަން ހަމަޖެހިފައިވާއިރު މި ޓަވަރު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމަށްވާ ސީ.އައި.ޓީ.އައި.ސީ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. އަދި މި ޕްރޮޖެކްޓްގެ ފައިނެންސިން ޕާޓްނަރަކީ ގްރޭންޑް ޗައިނާ ބިޒްނަސް މެނޭޖްމަންޓެވެ.