ޚަބަރު

ފުޅަދޫގެ ފަޅު ފުންކޮށް އެރަށުގައި ބަނދަރެއް ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި


ބ.ފުޅަދޫގެ ފަޅު ފުންކޮށް އެރަށުގައި ބަނދަރެއް ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމާގުޅޭ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ބަނދަރު ޤާއިމުކުރުގެ މަސައްކަތަކީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގާ މަޝްރޫޢެއްކަމަށެވެ. 23.8 މިލިއަން ރުފިޔާގެ މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ސީއެސްއާރް ބަޖެޓުން އެއްބައި ޚަރަދު ކުރުމަށް ހަމަޖެހިފައިވާއިރު، ބާކީ ބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓުންކަމަށް ހައުސިންގ މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ ފުޅަދޫ ފަދަ ކުޑަ ރަށަކަށް މި ފަދަ ބޮޑު ކުރިއެރުންތަކެއް ގެނެސްދެއްވި ހަމައެކަނި ސަރުކާރަކީ މިސަރުކާރުކަމެވެ. އެގޮތުން މި ބަނދަރުގެ ސަބަބުން އެ ރަށުގައި ހިންގާ ގެސްޓް ހައުސް ވިޔަފާރިތަކަށްވެސް ބޮޑެތި ހެޔޮ ބަދަލުތަކެއް ކުރާނެކަން މިނިސްޓަރ ޝައިނީ ފާހަގަކުރެއްވިއެވެ.

ބ އަތޮޅު ފުޅަދޫގެ ފަޅު ފުންކޮށް ބަނދަރު ހެދުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ 8 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެމްޓީސީސީއިން ފުޅަދޫގައި ޤާއިމުކުރާ ބަނދަރަކީ 300 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. އެގޮތުން މި ޕްރޮޖްކްޓްގެ ދަށުން 114 މީޓަރުގެ ބޭރުތޮއްޓަކާއި، 172 މީޓަރުގެ އެއްގަމު ތޮއްޓެއްގެ އިތުރުން 60 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރ މުޙައްމަދު ޙިލްމީއެވެ.