ޚަބަރު

މަޝްހޫރު ފުޑްޗެއިންތަކާއެކު އެއަރޕޯޓް ވޯޓަރ ފްރަންޓް ބިލްޑިންގ ހުޅުވައިފި


ދުނިޔޭގެ މަޝްހޫރު 4 ފުޑްޗެއިނަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ ވޯޓަރ ފްރަންޓް ބިލްޑިންގ ރަސްމީކޮށް ހުޅުވައިފިއެވެ. ވޯޓަރ ފްރަންޓް ބިލްޑިނގ ރަސްމީކޮށް ހުޅުވައިދެއްވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދެވެ. މިތަން އާއްމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ.

ދުނިޔޭގެ ނަން މަޝްހޫރު ފާސްޓް-ފުޑް ޗެއިންތަކުގެ އައުޓްލެޓްތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ ވޯޓަރ ފްރަންޓް ބިލްޑިންގްއަކީ 2 ފަންގިފިލާއަށް ހަދާފައިވާ ތަނެކެވެ. މި އިމާރާތުގެ ތިރީބައި ޑިޒައިންކޮށްފައިވަނީ ވޯކްވޭއެއްގޮތަށް އާއްމުންނަށް ހިނގާބިގާވެ އުޅެވޭގޮތަށެވެ. އަދި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ފްރެންޗައިޒް އައުޓްލެޓްތަކަށެވެ. މަޝްހޫރު ބްރޭޑްތައް ކަމަށްވާ ކޭއެފްސީއާއި، ޕިއްޒާ ހަޓާއި، ކޮސްޓާ ކޮފީގެ އިތުރުން ހާރވެސްޓް މާކެޓްގެ އައުޓްލެޓްތައް މި ރެސްޓޯރެންޓްގައި ހުންނައިރު، މި ފުޑް ޗެއިންތައް ހިންގުމަށް ހަވާލުކޮށްފައިވަނީ އިޓަލީވިލާތުގެ ކުންފުންޏެއްކަމަށްވާ އެޗް.އެމް.އެސް ހޯސްޓް އިންޓަރނޭޝަނަލާއެވެ.

މިތަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވީ، އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު އެއަރޕޯޓުގެ ކޮމާޝަލް ސްޕޭސް 4 ގުނަ އިތުރުވެގެންދާނެކަމަށެވެ. އަދި އެކަމުގެ މަންފާ ސީދާގޮތުންނާއި، ނުސީދާގޮތުންވެސް އެންމެ ބޮޑަށް ކުރާނީ އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށްކަމަށެވެ. އަދި އައު ރަންވޭ ހުޅުވުމާއެކު މި ސަރަޙައްދުގެ އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭ.ސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މުސާ ވިދާޅުވީ، މިފަދަ ބައިނަލްއަޤްވާމީ ފްރެންޗައިޒް އައުޓްލެޓްތައް ހެދޭނެ ޖާގަ ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދުނިޔޭގެ ނަން މަޝްހޫރު ރަހަތަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު އެއަރޕޯޓުން ހިދުމަތް ހޯދާ ފަރާތްތަކާއި، ސްޓާފުންނަށް ހޯދައިދިނުންކަމަށެވެ. އަދި ނަން މަޝްހޫރު ފާސްޓްފުޑް ޗެއިންތަކުގެ އައުޓްލެޓްތައް އެއަރޕޯޓްގައި ހުޅުވިގެންދިއުމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއަރޕޯޓުތަކާ އެއްހަމައެއްގެ ޚިދުމަތްތައް ވީއައިއޭއިން ދިނުމަށް ކުރާ މަސައްކަތް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހިންގެ މެދުގައިވެސް މަޤުބޫލުކަން ހޯދާފައިވާ ފާސްޓްފުޑް ޗެއިންތައް އެއަރޕޯޓުގައި ހުޅުވިގެންދިއުމަކީ އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށާއި، ޚިދުމަތް ހޯދަންދާ ފަސިޖަރުންނަށްވެސް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަމަށާއި، މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ކަމަށް ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދެއްކި އެއަރޕޯޓުގެ ބައެއް މުވައްޒަފުން ބުންޏެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމަތީގައި ތަރައްޤީކޮށްފައިވާ މި ވޯޓަރ ފްރަންޓް ރެސްޓޯރެންޓްގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ އިނޯކާ ޕްރައިވެޓް ލިމިޓެޑުންނެވެ. މި ރެސްޓޯރެންޓާ އިންވެގެން ފެރީތަކަށް ލަފާ ފުރުމަށް ޙާއްސަ ޖެޓީތަކެއްވެސް ވަނީ އެއަރޕޯޓުގައި ހަދާފައެވެ.