ޚަބަރު

ބޭރު ބައެއްގެ ބަދަލުގައި، ދިވެހި ކުންފުންޏަކުން އެއާޕޯޓު ހިންގުމަކީ ބޮޑު ކުރިއެރުމެއް- އައިލެންޑް އޭވިއޭޝަން


ބޭރު ބައެއްގެ ބަދަލުގައި ދިވެހިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގުމަކީ އައިލެންޑް އޭވިއޭޝަންއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެކުންފުނިން ބުނެފިއެވެ.

ފާއިތުވި ފަސް އަހަރުގައި މޯލްޑިވިއަންއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ހެޑް އޮފް ޓްރެއިނިންގ ސްޓޭންޑާރޑްސް، ކެޕްޓަން މުހައްމަދު ޝިނާޒް ވިދާޅުވީ އޭރު ޖީއެމްއާރުގެ ދަށުގައި އެއާރޕޯޓް އޮތް އިރު އެއާރޕޯޓުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރުމަށް ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހުނުކަމަށެވެ. އެހެންނަމަވެސް ދިވެހި ކުންފުންޏެއް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓާއި ހަވާލުވިފަހުން އޭވިއޭޝަންގެ އޮޕަރޭޝަންތައް ފަސޭހަވެ ވަރަށް ބޮޑެތި ކުރިއެރުން ލިބެމުންދާކަމަށް ޝިނާޒް ފާހަގަކުރެއްވިއެވެ.

މިޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ އެއަރކްރާފްޓް މެއިންޓެއިނެންސް އިންޖީނިއަރެއް ކަމުގައިވާ މުހައްމަދު ލީމާން ލުތުފީ ވިދާޅުވީ އޭވިއޭޝަންގެ އޮޕަރޭޝަން ފުޅާވެ ބޯޓުތައް އިތުރުވެފައިވާއިރު އެކުންފުނީގެ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ވަރަށް ބޮޑު ޖާގައެއް ބޭނުންވާކަމަށެވެ. އަދި މިކަމަށް އެމްއޭސީއެލްގެ ފަރާތުން ވަރަށް ބޮޑު އެހީ ލިބޭކަމަށް އޭނާ ވިދާޅުވިއެވެ. ލީމާން ވިދާޅުވީ ބޭރުގެ ކުންފުންޏެއްގެ ދަށުގައި އެއާޕޯޓް މިހާރު އޮތްނަމަ މިނިވަންކަމާއިއެކު މަސައްކަތްކުރެވުމުގެ ފުރުސަތެއް ނޯންނާނެކަމަށެވެ.

އެމްއޭސީއެލާއި އެއާޕޯޓް ހަވާލުކުރި ފަހުން އައިލެންޑް އޭވިއޭޝަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު ޒަމާނީ ފެންވަރުގެ ބޮޑެތި އެއާކްރާފްޓްތަކާއި މެއިންޓެއިނަންސްގެ އެންމެ ފަހުގެ ޚިދުމަތްތައް އެކުންފުނީގައި މިހާރު ހުންނާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާއި ހަވާލުކުރީ 2010 ވަނަ އަހަރުގައެވެ.

އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން 2012 ވަނަ އަހަރު އުވާލާފައިވާއިރު މިހާރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެވެ. އެއާއެކު ދިވެހި ސަރުކާރަށް ދަނީ ބޮޑެތި ފައިދާތަކެއްވަމުންނެވެ.