ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 6 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ބަޔަކާ ޙަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން 6 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން، އެކަމާބެހޭ އުސޫލުގެ ދަށުން އެކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކާ ހަވާލުކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރުމާ ބެހޭ އުސޫލުގެ ދަށުން ޤާނޫނީ ބެލެނިވެރިކަން ހޯދުމަށް އެދުމުން ޙަވާލުކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ ފަސް ކުއްޖެއްކަމަށެވެ. އަދި އެއީ އުމުރުން 5 މަހާއި 11 އަހަރާ ދެމެދުގެ 3 ފިރިހެން ކުދިންނާއި 3 އަންހެން ކުދިންކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރުމާ ބެހޭ އުސޫލުގެ ދަށުން މިދިޔަ އަހަރުވެސް 7 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން އެކި ފަރާތްތަކާ ޙަވާލުކޮށްފައިވާކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ޙަވާލުކުރުމުގެ އުޞޫލުގެ ދަށުން އެކުދިންގެ ޤާނޫނީ ބެލެނިވެރިކަން ޙަވާލުކުރަނީ، އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޤާބިލް ބައެއްތޯ ބެލުމަށްފަހުއެވެ. އެކަމަށް ޚާއްސަ ޕެނަލެއް އޮންނައިރު، މިޕެނަލަކީ ޖެންޑަރ މިނިސްޓްރީއާއި ކަމާބެހޭ ދާއިރާތަކާއި މަދަނީ ޖަމުޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ހިމެނޭގޮތަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އެކުލަވައިލައިފައިވާ ޕެނަލެކެވެ.

ޤާނޫނީ ބެލެނިވެރިކަން ޙަވާލުކުރެވުނު ކުދިންގެ އިތުރުން، ދައުލަތުގެ ބެލުމުގައި ދަށުގައި ތިބި ދިހަ ކުއްޖަކު، މިއަހަރު އެކުދިންގެ ޢާއިލާތަކާ ޙަވާލުކޮށްފައިވާއިރު، މިދިޔަ އަހަރު ވިހި ކުއްޖަކު އެކުދިންގެ ޢާއިލާއާ ޙަވާލުކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު 141 ކުދިން ތިބިއިރު، މީގެތެރެއިން 50 ކުދިން ތިބެނީ ވިލިގިނލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައެވެ. އަދި 91 ކުދިން ތިބެނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައެވެ.