ޚަބަރު

އައިސީޓީގެ ދާއިރާ ފުޅާކޮށް ދިވެހިންނަށް އަމިއްލަ ސަބްމެރިން ކޭބަލަކުން އަގުހެޔޮ އިންޓަރނެޓްގެ ޚިދުމަތް ހޯދައި ދޭނަން- ރައީސް


ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް އަމިއްލަ ސަބްމެރިން ކޭބަލްއެއްގަނެ ރާއްޖޭގައި އިންޓަނެޓް ބޭނުންކުރުމުގެ އަގު 30 އިންސައްތައިން ހެޔޮކޮއްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫޢުގެ ޔަޤީންކަން ރައްޔިތުންނަށް ދިނުމަށް ބެއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ ކުރިއަރަމުން އަންނައިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނކުފާނު އިންތިޚާބުކުރައްވައިފިނަމަ ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް އަމިއްލަ ސަބްމެރިން ކޭބަލްއެއްގަނެ ރާއްޖޭގައި އިންޓަނެޓް ބޭނުންކުރުމުގެ އަގު 30 އިންސައްތަ ހެޔޮކޮއްދެއްވާނެކަމަށެވެ.

"އަޅުގަނޑު މިއަދު މިތަނުގަ އާދެ ޒުވާނުންގެ ޝަހަރުގައި ހުރެ ދަންނަވަން ވަރަށް ފަޚުރުވެރިވޭ މި ސިޓީއަކީ ސްމާޓް ކޮންސެޕްޓަކަށް ތަރައްޤީކުރާ ސްމާޓް ސިޓީއަކަށް ވާއިރު މި ސިޓީވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް އަދި އިންޓަނޭޝަނަނަލް ބިޒްނަސް ބާރަށް ހިނގާނެ ހަބަކަށް. ވޮށުފިލާގެ ޒަމާނުގައި އިދިކޮޅު ފަރާތްތަކުން އުޅުނު ނަމަވެސް އަޅުގަނޑުމެން އުޅޭނީ ޓެބްލެޓްފަދަ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު. އަދި ދެންއަނަން ދައުރެއްގައި ރާއްޖޭއިން ފުރަތަމަފަހަރަށް އަމިއްލަ ސަބްމެރިން ކޭބަލް ގަނެ ޑާޓާ ޓްރާންސްމިޝަންގެ އަގު 30 އިންސައްތަ ހެޔޮ ކޮށްދޭނަން." ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށް ދިވެހި ރައްޔިތުންނަށް ލިބޭނެގޮތް ހެދުމަށް އަމިއްލަ ސަބްމެރިން ކޭބަލެއް ގަންނަން ނިންމާފައިވާކަން ރައިސް ހާމަކުރައްވާފައިވާއިރު، ޒުވާނުންގެ ޝަހަރުގެ ގޮތުގައި ތަރައްޤިކުރަމުން އަންނަ ހުޅުމާލެ އަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ދަނީ ކުރަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އިދިކޮޅު އިއްތިހާދާއި ޚިލާފަށް އެމަނިކުފާނުުގެ ސަރުކާރަކީ އަބަދުވެސް ޤައުމަށް އެންމެ އެކަށޭނަ ޒަމާނީ ތަރައްޤީ ގެނައުމަށް މަސައްކަތްކުރައްވާ ސަރުކާރެއްކަމަށެވެ. ރައިސް ވިދާޅުވީ ރާއްޖޭގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ނުވަތަ އައިސީޓީގެ ދާއިރާއަކީ އެމަނިކުފާނުގެ ދައުރުގައި އެންމެ ކުރިއަރާފައިވާ އެއް ދާއިރާއަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލެއާއި ވިލިމާލެ 2 ގައި ޤާއިމުކުރުމަށް ރާވާފައިވާ ދެ އައިސީޓީ ޕާކުގެ ސަބަބުން ރާއްޖޭގެ އައިސީޓީ ދާއިރާއަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވާނެކަމަށެވެ.