ޚަބަރު

ބަހުގައި ހުޅުމާލެއަށް ، މީ ބޮޑުފަސޭހައެއް


ކުރިން އެތައް ތަކުލީފެއް އުފުލައިގެން މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ފެރީގައި ދަތުރުކުރި ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ބަހުގައި ދަތުރުކުރުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ކުރިން ހީވެސްނުކުރާވަރުގެ ބޮޑު ފަސޭހައެއްގެ ގޮތުގައި އެފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. މިއީ މާލެއާއި ހުޅުމާލެއާ ދެމެދު ކުރަމުންއައި ދަތުރުފަތުރަށް އައި އިންޤިލާބީ ބަދަލެކެވެ.

ސިނަމާލެ ބުރިޖު ހުޅުވުމާއެކު ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމަށްއައި އިންޤިލާބީ ބަދަލަކީ ރައްޔިތުންނަށް ލިބިގެންދިޔަ އާދަޔާޚިލާފު ކުރިއެރުމެއްކަން އެމީހުން ފާހަގަކުރެއެވެ. ކުރިން ފެރީގައި ދަތުރުކުރި މީހުން މިހާރު ހުޅުލެއާ، ހުޅުމާލެ އަދި މާލެއާ ދެމެދު ދަތުރުކުރުމަށް ހިޔާކުރަމުންދަނީ ކާރާއި ސައިކަލާއި، އާންމު އެއްގަމު ދަތުރުފަތުރުގެ ނިޒާމެވެ.

ބަންދުދުވަސްދުވަހު މާލޭ އަދި ހުޅުމާލޭ ފެރީ ޓާރމިނަލުން ކުރިން ފެންނަ ތޮއްޖެހުމާއި، ހަލަބޮލިކަމާއި ތަކުލީފަކީ މިހާރު މާޒީއެވެ. މިހާރު މިހުރިހާމިކަމެއް މިވަނީ ބަދަލްވެފައެވެ. މިލުއިފަސޭހަކަން ރައްޔިތުން ބަލައިގަންނަނީ އުފަލާއި ހިތްހަމަޖެހުމާއެކުއެވެ.

ސިނަމާލެ ބުރިޖަކީ ޢާންމު ރައްޔިތުންނަށް އިޖްތިމާއީ އަދި އިޤްތިޞާދީގޮތުންވެސް ބޮޑު ފަސޭހައަކާ ފައިދާތަކެއް ލިބިގެންދާނެ ވަޞީލަތެއްގެގޮތުގައި ސަރުކާރުން ސިފަކުރާއިރު، މިއީ ދިވެހިރައްޔިތުންވެސް ޤަބޫލުކުރާ ހަޤީގަތެކެވެ.

ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނި އެމްޕީއެލް އިން ބުނީ އޯފް ޕީކް ގަޑިތަކުގައި ކޮންމެ ވިހި މިނެޓަކުން މާލެއާއި ހުޅުމާލެއާދޭތެރޭ ބަހުގެ ޚިދުމަތް ފޯރުކޮށްދޭކަމަށެވެ. ނަމަވެސް މީހުން ގިނަ ވަގުތުތަކުގައި ބަސްތައް ފުރޭ ވަރަކުން އަވަސްއަވަހަށް ބަހުގެ ޚިދުމަތް ދެމުންދާކަމަށް އެފަރާތުން ބުނެއެވެ. ސިނަމާލެ ބުރިޖު މެދުވެރިކޮށް މާލެއިން ހުޅުލެއަށް، އަދި މާލެއިން ހުޅުމާލެއަށް 48 މީހުންގެ ޖާގައިގެ ބަސްތަކާއި 78 މީހުންގެ ޖާގައިގެ ބަސްތައް ދަނީ ދަތުރުކުރަމުންނެވެ.

ޕީކް ގަޑިތަކުގައި ބަހުގެ ޚިދުމަތް ކޮންމެ ދިހަ މިނެޓަކުން ލިބޭގޮތަށް ކަޑައަޅާފައިވާނަމަވެސް މީހުން ގިނަވުމުގެ ސަބަބުން މިޚިދުމަތް ބަސް ފުރޭ މިންވަރަކުން އަވަހަށް، އެމްޕީއެލްއިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ވަކި އަގެއް ކަޑަނާޅާތީ އެމްޕީއެލްއިން މިހާރު މާލެއާއި ހުޅުލެ އަދި ހުޅުމާލެ ސަރަހައްދުގެ ބަހުގެ ޚިދުމަތް ދެމުންދަނީ މުޅިން ހިލެއެވެ. ގްރޭޓަރ މާލެ ބަސް ޓާރމިނަލުގައި މޯލްޑިވިއަންގެ ފްލައިޓްތަކަށް ޗެކްއިން ކުރުމުގެ ޚިދުމަތްވެސް މިވަނީ ތަޢާރަފްކޮށްފައެވެ. މީގެސަބަބުންވެސް އާންމުންނަށް ބޮޑު ފަސޭހަތަކެއް ލިބިގެންދެއެވެ.