ޚަބަރު

ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލުމަށް ބޮޑު ޖަލްސާއެއް ބާއްވަނީ


ހަތްދިހަ އިންސައްތަ ޒުވާނުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އޮންނަ ތާޢީދު ދައްކާލުމަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މީގެ ދެދުވަސްކުރިން ޕީޕީއެމްއިން މާލޭގައި ބޭއްވި ޖަލްސާއަކީ ހަމައެކަނި މާލެސިޓީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވި ޖަލްސާއެއް ކަމަށެވެ. އަދި އަތޮޅުތަކުގެ އެކިރަށްރަށުން މީހުން މާލެ ގެނެސްގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ޖަލްސާއެއް ބާއްވައި ބޮޑު މަންޒަރަކީ އެއީ ކަމަށް ބުނިނަމަވެސް، އެއަށްވުރެން މީހުން ގިނަ ބޮޑު ބައްދަލުވުމެއް ވަރަށް އަވަހަށް މާލެ ސިޓީގައި ބާއްވާނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަންނަވަނީ ރަށްރަށުން މީހުން ގެނެސްގެން ނޫން. އެކަމަކު ގެންނަންވެއްޖެއްޔާ ގެނެވެނީ ކޮންބަޔަކަށްތޯވެސް ރަނގަޅަށް ފެންނާނެ. އަދި އެގޮތަށް މި ނިންމީއެއްވެސް ނޫން. އިރާދަކުރެއްވިއްޔާ ފަސްދޮޅަސް ނުވަތަ ހަތްދިހަ އިންސައްތަ ޒުވާނުން ބައިވެރިވެގެން ބޮޑު މަންޒަރެއް ވަރަށް އަވަހަށް ދައްކާލާނަން. ބުރިޖު ސަޅި، ފުޓްސަލް ދަނޑު ސަޅި، މަގުތައް ސަޅި، މިގޮތަށް ރައީސް ޔާމީން ގެނެސްދެއްވި ހުރިހާ ތަރައްޤީއެއް ސަޅިވެގެން ޒުވާނުން ނުކުންނާނީ."

ނިހާން ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން ޒުވާނުންނަށް އަޅާނުލައި، ދޫކޮށްލި ވާހަކައަށް އިޝާރާތްކުރައްވާ ނިހާން ވިދާޅުވީ، އޭރު ޒުވާނުންނަކީ ކުރާނެކަމެއް ނެތިގެން މަގުމަތިވެފައިވާ ބައެއް ކަމަށާ، ނަމަވެސް ރައީސް ޔާމީންގެ ޒައާމަތުގައި ޒުވާނުންނަކީ ބާރުވެރި އަބުރުވެރި ބަޔަކަށް ވެގެންގޮސްފައިވާކަމަށެވެ.