ޚަބަރު

މާލޭގަ ތިބެގެން މިހާރު ޗެކިން ކުރެވޭނެ


ސިނަމާލެ ބުރިޖާއެކު، މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމުކޮށްފައިވާ ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން ސިޓީ ޗެކިންގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މާލެއިން ހުޅުމާލެއަށާއި ހުޅުލެއަށް ދަތުރުކުރާ މީހުންނަށް ބަހުގެ ޚިދުމަތް ދިނުމަށް ޤާއިމުކޮށްފައިވާ މިތަނުގައި ވަނީ މި ޚިދުމަތް ދިނުމަށްޓަކައި، މޯލްޑިވިއަންގެ ދެ ޗްކްއިން ކައުންޓަރ ހުޅުވާފައެވެ. މި ޚިދުމަތާއެކު ހުޅުލެއަށް ނުގޮސް މާލޭގައި ތިބެގެން ޗެކްއިން ވުމުގެ ފަސޭހަކަން އާންމުންނަށް ލިބިގެންދާނެއެވެ.

މޯލްޑިވިއަންގެ ސިޓީ ޗެކްއިން ކައުންޓަރުން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާޠު ހަމީދު ވިދާޅުވީ، މި ޗެކްއިން ކައުންޓަރުން ރާއްޖޭގެ ޤައުމީ އެއަރލައިން މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭއިން ބޭރަށްދާ ފަރާތްތަކަށް ޗެކްއިން ވުމުގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ. އެގޮތުން ފްލައިޓް ފުރުމުގެ 4 ގަޑިއިރު ކުރިން ޗެކްއިން ކައުންޓަރތައް ހުޅުވުމަށް ހަމަޖެހިފައިވާިއރު، ފްލައިޓް ފުރުމުގެ 90 މިނެޓާއި ހަމައަށް މި ކައުންޓަރުން ޚިދުމަތް ލިބޭނެކަމަށް ނަޝާޠު ވިދާޅުވިއެވެ.

ސިޓީ ޗެކްއިންކުރާއިރު ގެންދާ ލަގެޖްތައް އެ އެއަރލައިންގެ ބަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ގެންގޮސްދޭނެކަން ހާމަކުރައްވާ ނަޝާޠުވަނީ މި ޚިދުމަތުގެ ސަބަބުން ޒަމާނުއްސުރެ ފެރީގައި ލަގެޖްތައް ގެންދިއުމުގައި އުފުލަންޖެހުނު ބުރައަށް ލުޔެއް ލިބިގެންދާނެކަމަށެވެ.

ގްރޭޓަރ މާލޭ ޓްރާންސްޕޯޓް ލިންކް ބިލްޑިންގައި ސިޓީ ޗެކްއިން ކުރުމަށް ދެ ކައުންޓަރ ހުޅުވާފައިވާއިރު ކުރިއަށްއޮތްތަނުގައި މޯލްޑިވިއަންގެ މިޚިދުމަތް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާކަމަށް ނަޝާޠު ވިދާޅުވިއެވެ. އެގޮތުން ކައުންޓަރުތައް އިތުރުކޮށް ހުޅުލެއަށް ދަތުރުކުރާ ބަހުގެ ޢަދަދު އިތުރުކުރުމަށް އެމްޕީއެލްއާއެކު މަޝްވަރާ ކުރަމުންދާކަން ނަޝާޠު ފާހަގަކުރެއްވިއެވެ.

މި ޚިދުމަތް ހޯދާ ފަރާތްތަކުން، މާލެއިން އެއަރޕޯޓަށް ބަސްތަދުރުތައް ކުރާ ގަޑިތަކަށް ސަމާލުވުމަށް މޯލްޑީވިއަނުން އިލްތިމާސް ކުރެއެވެ.