ޚަބަރު

ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ޗައިނާ ކުންފުނިތަކާ މުއައްސަސާތަކުން ބައްދަލުކޮށްފި


ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ޗައިނާ ކުންފުނިތަކުގެ ޝަކުވާތަށް ސަރުކާރާ ޙިއްޞާކުރުމަށް ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.

ރާއްޖޭގަައި މަސައްކަތްކުރާ ޗައިނާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި، ސަރުކާރުގެ ފަރާތުން އެކުންފުނިތަކުން ބޭނުންވާ ކަންކަން ދެނެގަތުމަށްޓަކައި ޗައިނާ އެމްބަސީން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމުގައި ޗައިނާ ސަރުކާރުން ފަށާފައިވާ ސިލްކް ރޫޓް މަޝްރޫޢުގެ ދަށުން ރާއްޖޭގައި މަޝްރޫޢުތައް ހިންގާ ކުންފުނިތަކުގެ މަންދޫބުންނާއި، ފޮރިން މިނިސްޓްރީ، ހައުސިންގް މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި އިމިގްރޭޝަން ފަދަ ސަރުކާރުގެ އިދާރާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން މި މުއައްސަސާތަކުގެ ބޭފުޅުންވަނީ ޗައިނާގެ ކުންފުނިތަކުގެ ޝަކުވާތަށް އަޑުއައްސަވައި އެކަންކަން ޙައްލުކޮއްދޭން ސަރުކާރުން ކުރެވެން ހުރި ކަންކަމުގެ މަޢުލޫމާތު އެކުންފުނިތަކަށް ދީފައެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 45 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ 5 އަހަރު ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ އެންމެ ގާތް އެއް ބައިވެރިއަކަށް ޗައިނާ ވަނީ ވެފައެވެ. އެގޮތުން ޗައިނާއިން ރާއްޖޭގައި ބޮޑެތި މަޝްރޫޢުތަކެއް ގެންދަނީ ހިންގަމުންނެވެ.

އެގޮތުން ސިނަމާލެ ބުރިޖު މަޝްރޫޢާއި، ރާއްޖޭގައި ހިންގާ އެންމެ ބޮޑު ހަކަތައިގެ މަޝްރޫޢު، ފިފްތް ޕަވަރ ޕްރޮޖެކްޓާއި، އެއަރޕޯޓްގެ އައު ރަންވޭއެޅުމުގެ މަސައްކަތުގެ އިތުރުން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އަޅާ 7000 ހައުސިންގް ޔުނިޓްގެ މަސައްކަތްވެސް ކުރަމުންދަނީ ޗައިނާ ކުންފުނިތަކުންނެވެ.