ޚަބަރު

ސިނަމާލެ ބުރިޖުގެ ބަސް ދަތުރުތަކަށް ޑަބަލް-ޑެކަރ ބަހެއް ގެންނަނީ


ޑަބަލް-ޑެކަރ ބަހެއް ހިމެނޭ ގޮތަށް މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުގެ ބަސްދަތުރުތުކުގައި ބޭނުންކުރުމަށް 22 ބަހެއް ގެންނަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލް މުޙައްމަދު އަމީޒު ވިދާޅުވީ، ސިނަމާލެ ބުރިޖުގައި ދަތުރުކުރުމަށް އެކުންފުނިން 22 ބަސް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ގެނެސްފައިވާ 9 ބަހުގެ އިތުރުން އޮކްޓޫބަރު މަހުގެ ފަހުކޮޅު އިތުރު 13 ބަހެއް ޑަބަލް-ޑެކަރ ބަހަކާއެކު ގެންނަން ނިންމާފައިވާ ކަމަށެވެ.

އަމީޒު ވިދާޅުވީ، ބަހުގެ ދަތުރުގެ އަގުތައް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ބުރިޖު ރަސްމީކޮށް ހުޅުވި ދަތުރުތައް ފެށުމުގެ ކުރިން އަގުތައް ޢާންމުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަސް އިތުރުކުރުމުގެ ކުރިން ފުރަތަމަ ބަލާނީ ޢާންމުން ބަސް ދަތުރުތައް ބޭނުންކުރާ މިންވަރު. ބައެއް ބޭފުޅުން އަމިއްލަ ސައިކަލުގައި އަދި ކާރުގައި ދަތުރުކުރަން ބޭނުންވާނެ ދެއްތޯ؟ އަޅުގަނޑުމެން ބަހުގެ ޚިދުމަތް ފޯރުކޮށްދޭނީ ރައްޔިތުންނަށް ލުއިފަސޭހަ އަގުތަކެއްގައި." އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެމްޕީއެލުން އަންނަނީ ރާއްޖޭގެ އާބާދީ ބޮޑު ގިނަ ޞަރަޙައްދުތަކުގައި ބަހުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެގޮތުން ފުވައްމުލައް ސިޓީގައި މިހާރުވެސް ސިޓީ ބަހުގެ ޚިދުމަތް ދެމުން އަންނައިރު، އެރަށުގެ ހަނި މަގުތަކަށް ވަދެވޭވަރުގެ ކުދި ބަސްތަކެއް ގެނައުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސްކޫލަށް ބޭނުންވާ ބަހުގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފެށާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.