ޚަބަރު

"ހަބޭސް ފޭން ނައިޓު" ހޮނިހިރު ދުވަހުގެރޭ ސީ ހައުސްގައި


ހަބޭސް ބޮޑުބެރު ގްރޫޕުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ "ހަބޭސް ފޭން ނައިޓް" ހޮނިހިރު ދުވަހުގެރޭ ސީ ހައުސްގައި ބާއްވަން ނިންމާފއިވާކަމަށް އެގްރޫޕުން ބުނެފިއެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުން ފޭނުންނަށް ޚާއްސަކޮށްގެން ބާއްވާ މިއިވެންޓާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ހަބޭސްގެ ފަރާތުން ޢަލީ ޝިފާއު (ހަބޭސް އައްޔަ) ބުނީ، މި އިވެންޓުގައި ހަބޭސްގެ ބޭންޑުތަކުގެ އިތުރުން ޓްރެފިކް ޖޭމްގެ ހުށަހެޅުންތަކެއްވެސް ފެނިގެންދާނެ ކަމަށެވެ.
ޢަލީ ޝިފާޢު ބުނީ މިއިވެންޓަކީ ހަބޭސްގެ ހުރިހާ ފޭނުންނަށް ދަޢުވަތުދީގެން ގިނަ އިނާމުތަކެއްވެސް ހުށަހެޅިގެން ކުރިއަށްގެންދާ އިވެންޓެއް ކަމަށެވެ.

އޭނާ ބުނީ އިވެންޓު ބެލުމަށް ސީ ހައުސްއަށް ދާ ކޮންމެ މީހަކަށްވެސް ކޫޕަނެއް ލިބޭނެ ކަމަށާއި އަދި އިވެންޓު ތެރޭގައި ކޫޕަންތަކުގެ ނަސީބުވެރިންނަށް ވަގުތުން އަގުހުރި އިނާމުތައް ދޭނެކަމަށެވެ.

"ހަބޭސް ފޭން ނައިޓް"ގައި ހަބޭސްގެ ބޭންޑްތައް ކަމަށްވާ ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ފިއުޝަންގެ އިތުރުން ހަބޭސްއާ ދާދި ފަހުން ކޮލަބަރޭޝަން ހެދި މަޝްހޫރު ރޮކް ބޭންޑް "ޓްރެފިކް ޖޭމް" ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުގެ އަހަރީ ދުވަހަކީ އޮގަސްޓް މަހުގެ ހަތްވަނަދުވަހެވެ.