ޚަބަރު

ތަރައްޤީގެ މަޝްރޫތަކާއެކު ހައްދުންމައްޗަށް ބޮޑު ކުރިއެރުމެއް


ހައްދުންމަތި ނުވަތަ ލ.އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ ބިންބޮޑު އެއްސަރަޙައްދެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ އެންމެގިނަ މަޝްރޫތައް ކުރިޔަށްދާ އެއްއަތޮޅެވެ. މިއަތޮޅުގައި ހިންގާފައިވާ މަޝްރޫތަކުގެ ސަބަބުން އަތޮޅުގެ ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކާއި ކުރިއެރުން ލިބިފައިވެއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ވޭތުވެދިޔަ ހަތަރުއަހަރާއި 7 މަހެއްހައި ދުވަހަކީ ލ.އަތޮޅުގެ ތަރައްޤީއަށް މިހާތަނަށް އެންމެގިނަ މަޝްރޫޢުތަކެއް ހިންގި ދުވަސްވަރުކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ. އެގޮތުން މިއަތޮޅުގެ 11 ރަށެއްގައި ތަރައްޤީގެ ގިނަ މަޝްރޫތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

2013ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރުގެ މިހާތަނަށް މިސަރުކާރުންވަނީ ލ.އަތޮޅުގައި 156 މަޝްރޫއެއް ހިންގާފައެވެ. މިމަޝްރޫޢުތަކަށް 1.94 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެތެރެއިން ގިނަ މަޝްރޫތައް ނިމި، މިމަޝްރޫތަކުގެ ފޮނިމީރުކަން މިއަތޮޅުގެ ރައްޔިތުންނަށްދަނީ ލިބެމުންނެވެ. މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އަދި ގިނަޢަދަދެއްގެ ރައްޔިތުން އެމަޝްރޫއަކާމެދު އުފާފާޅުކުރަމުންދާ އެއްމަޝްރޫއަކީ ހައްދުންމަތީ ބޮޑު މަގުގެ މަޝްރޫއެވެ. މިމަގުހަދާފައިވަނީ ގުޅިފައިވާ ފަސްރަށުގެ އެއްކޮޅުން އަނެއްކޮޅަށެވެ. 16 ކިލޯމީޓަރުގެ ދިގު މަގެއްގެގޮތުގައި ތަރައްޤީކޮށްފައިވާ މިމަގުގެ މަޝްރޫއަށް އެކަނިވެސް 430 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ ރާއްޖޭގައި އޮތް އެންމެ ދިގުމަގެވެ. މިމަޝްރޫ ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އެއްމެ ބޮޑު އެއް ބައިވެރިޔާގެގޮތުގައި އޮތް ޗައިނާއެވެ.

މިމަޝްރޫޢުނިމި މަގުގެ ބޭނުން މިހާރު ރައްޔިތުން ހިފަންފަށާފައިވާއިރު، މީގެސަބަބުން ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ގިނަގުނަ ފައިދާތަކެއް ލިބެމުންދާކަމަށް އަތޮޅުގެ ގިނަރައްޔިތުން ބުނެއެވެ.
މިއަތޮޅު ގަމު ކައުންސިލް މެންބަރު އިބްރާހިމް އައުރަފު މިކަން ފާހަގަކުރެއްވިއެވެ.

"މީގެ ސަބަބުން އަޅުގަނޑުމެނަށް ޢުމްރާނީ ގޮތުން ލިބުނު ބޮޑު ކުރިއެރުމުގެ ސަބަބުން، އިޤްތިޞާދީގޮތުންނާއި އިޖްތިމާއީ ގޮތުންވެސް އަތަކެއް ފައިދާތަކެއް ލިބިގެންދިޔަކަން އަޅުގަނޑު ފާހަގަކުރަން. އެގޮތުން އިޤްތިޞާދީ ގޮތުން ބަލާކަމުގައި ވާނަމަ އިތުރު ވިޔަފާރިތަކެއް އުފެދިގެން ދިޔަކަން އަޅުގަނޑު ފާހަގަކުރަން. އަދި ވިޔަފާރިވެރިންނަށް އެކަމުގެ ސަބަބުން އިތުރު ފައިދާތަކެއް ލިބިގެން ދިއުމުގެ ނަތީޖާއަކަށްވީ ޢާންމު ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ދިޔުން."

އިބްރާހިމް އައުރަފު ވިދާޅުވިއެވެ.

ހައްދުންމަތީ ބޮޑުމަގުގެސަބަބުން 9400އެއްހައި ރައްޔިތުންނަށް ސީދާ ފައިދާވާއިރު، ރާއްޖޭގެ އެހެން ހިސާބުތަކުން ލ.އަތޮޅުގެ އެކިރަށްރަށަށް ޒިޔާރަތްކުރާ މީހުން އިތުރުވެ އިޤްތިޞާދީގޮތުން އަތޮޅަށް ފައިދާތަކެއް ލިބެމުންދެއެވެ. މިމަޝްރޫޢުގެ އިތުރުން ސަރުކާރުން ލ.އަތޮޅުގައި ކުރިއަށްގެންދާ އެހެން މަޝްރޫތަކުގެ ސަބަބުން ރައްޔިތުން ކުރިން ތަހައްމަލުކުރަމުންދިޔަ އެތައް ދަތިތަކަށް މިއަދުވަނީ ނިމުންއައިސްފައިކަން ރައްޔިތުން ފާހަގަކުރެއެވެ. މިސަރަހައްދަށް ސަރުކާރުން ގެންނަމުންދާ ތަރައްޤީއަކީ ދުވަހަކުވެސް މިރަށްތަކުގެ ރައްޔިތުންނަށް މީގެކުރިން ނުފެންނަވަރުގެ ބޮޑުތަރައްޤީއެއްކަން ރައްޔިތުން ޤަބޫލުކުރެއެވެ.

ލ.އަތޮޅު ބޮޑުމަގުގެ އިތުރުން މިއަތޮޅު 11 ރަށުގައިވެސް ސަރުކާރުން އެކި މަޝްރޫތައް ދަނީ ކުރިޔަށް ގެންދަމުންނެވެ. މިގޮތުން އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫތަކާއި، ރީޖަނަލް ހޮސްޕިޓަލު ތަރައްޤީކުރުމުގެ މަޝްރޫޢާއި ސިއްހީ މަރުކަޒުތަކާއި ބޭސް ފިހާރަތައް ޢިމާރާތްކޮށް ސްކޫލްތަކުގެ އިމާރާތްތައް މަރާމާތުކުރުމާއި ބިނާކުރުމުގެ އިތުރުން ބަދަރުތަކާއި ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ.