ޚަބަރު

އޭޝިޔާގެ ފުރަތަމަ ގިގަބިޓް ސްމާޓް ސިޓީއަށް ހުޅުމާލެ ހެދުމުގެ ޕްރޮޖެކްޓް ލޯންޗުކޮށްފި


އޭޝިޔާގެ ފުރަތަމަ ސަތޭކަ ޕަސަންޓު ގިގަބިޓް ސްމާޓް ސިޓީއަށް ހުޅުމާލެ ހެދުމުގެ ޕްރޮޖެކްޓް ލޯންޗުކޮށްފިއެވެ.

ޒުވާނުންގެ ސިޓީގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރައްވާ ހުޅުމާލެއަކީ ސްމާޓް ސިޓީއަކަށް ހެދުމުގެ ޕްރޮޖެކްޓް ލޯންޗުކޮށްފައިވަނީ އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްުޔާތެއްގައެވެ.

ޕްރޮޖެކްޓް ލޯންޗުކުރުމާއެކު، ހުޅުމާލޭގައި ހައި ސްޕީޑް ފައިބަރ ނެޓްވޯކެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ދުބާއީގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ކެލިކްސް ސަރވިސަސްއާއެކު ވަނީ އެއްބަސްވުމެއް ޤާއިމްކޮށްފައެވެ.

އެޗްޑީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާސިފްއެވެ. އަދި ކެލިކްސް ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޭރިއާ ވައިސް ޕްރެޒިޓެންޓް ސްޓީފަން އައިޔާރއެވެ. އެއްބަސްވުމުގެ ދަށުން މުޅި ހުޅުމާލެ ހައި ސްޕީޑް ފައިބަރ ނެޓްވޯކަކުން ގުޅާލެވޭނެއެވެ. އަދި ފައިބަރ ނެޓްވޯކުގެ ތެރެއިން ބޭނުންކުރާ ގިގަބިޓް ޓެކްނޮލޮޖީގެ ސަބަބުން، މިހާރަށްވުރެ އިންޓަނެޓް ސްޕީޑު އަވަސްވެ، އަގުވެސް ހެޔޮވެގެންދާނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާސިފް ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ހުޅުމާލޭގެ އާބާދީ އެތައް ގުނައަކަށް އިތުރުވެގެންދާއިރު ފައިބަރ ނެޓްވޯކުގެ ސަބަބުން ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެލިކްސް ސާރވިސަސްގެ އޭރިއާ ވައިސް ޕްރެޒިޓެންޓް ސްޓީފަން އައިޔާރ ވިދާޅުވީ ސްމާޓް ސިޓީއަކަށް ހުޅުމާލެ ބަދަލުވެގެންދާއިރު މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އެހެނިހެން ވިޔަފާރިތަކަށްވެސް ވަރަށް ބޮޑަށް ފައިދާކުރާނެކަމަށެވެ.

ރާއްޖޭގައި މުޅިން އަލަށް ތަޢާރަފްކުރާ ގިގަބިޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކުގެގެތެރޭގައި ސްމާޓް ޓްރެފިކް މެނޭޖްމެންޓް، ސްމާޓް ލައިޓިންގ އަދި އޮޓޮމެޓިކް ސޭފްޓީ ސަރވައިލަންސް ފަދަ ޚިދުމަތްތައް ހިމެނެއެވެ.

ދުނިޔޭގެ މަދު ޤައުމެއްގައި ބޭނުންކުރާ މިޓެކްނޮލޮޖީ ރާއްޖޭގެ ސިޓީއެއްގައި ޤާއިމްކުރުމަކީ ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށާއި އިޤްތިސާދަށް ބޮޑެތި ބަދަލަުތަކެއް ގެނެސްދޭނެކަމެއްކަމަށް އެޗްޑީސީން ބުނެއެވެ.