ޚަބަރު

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމިޓީގެ 71ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 71ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

އިންޑިއާގެ ނިއުދެއްލީގައި ކުރިއަށްދާ މިބައްދަލްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންގެ ވަފްދެއް ދަނީ ބައިވެރިވަމުންނެވެ. މި ބައްދަލުވުން ކުރިއަށް ދާނީ މިމަހުގެ ތިނަކުން ހަތަކަށެވެ.

މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހެލްތްމިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާއިން މިސަރަޙައްދަށް ކަނޑައަޅާފަހުންނަ ރީޖަނަލް ޑައިރެކްޓަރާވެސް ދިވެހި ވަފްދުން ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމެއްގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީދާއިރާގެ އިސްވެރިންނާއި ފަންނީ ބޭފުޅުން ހިމެނޭގޮތަށް ސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތާ ގުޅޭ މުހިންމު ކަންތައްތައް ކަނޑައަޅާ، މި ސަރަޙައްދުގެ ޞިއްޙީ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަންނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުމުގައި ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ކުރިޔަށް އޮތް 5 އަހަރަށް މިސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް ބޭފުޅަކު އިންތިޙާބުކުރެއްވުން ހިމެނެއެވެ.

މިއަހަރުގެ ރީޖަނަލް ކޮމެޓީގައި، ޞިއްޙީ ޙިދުމަތްތަކުގައި ބޭނުންކުރާ ބޭހާއި، ވެކްސިނާއި ސިއްޙީ ޚިދުމަތްތަކުގައި ބޭނުންކުރާ ވަސީލަތްތައް ހޯދުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ޚާއްޞަކޮށްގެން ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްޞަ ރައުންޑް ޓޭބަލް ބައްދަލުވުމެއް ކުރިއަށްގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "ދިއްލީ ޑެކްލަރޭޝަން އޮން އެކްސެސް ޓު މެޑިކަލް ޕްރޮޑަކްޓްސް" ގެ ނަމުގައި ގަރާރެއްފާސްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ދުނިޔޭގައި ޢާއްމުވަމުންދާ ޞިއްޙީ މައްސަލަތަކާއި ސިއްޙީ އިމަރޖެންސީ ހާލަތްތަކަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތަކާއި ގައިންގައިން އަރާ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާ މެދުވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ގައިން ގަޔަށް ނާރާ ބަލިތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ޅަފަތުގައާއި 5 އަހަރުންދަށުގެ ކުދިން މަރުވުމަށް ދިމާވާ ސަބަބުތަކާއި އެފަދަ ކަންތައްތައް ހައްލުކުރުމަށް ޤައުމުތަކުގެ މެދުގައި ކުރެވެމުންދާ މަސައްކަތްތަކާމެދުވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.