ޚަބަރު

ރިންގް ރޯޑް މާދަމާ ހުޅުވަނީ


ސިނަމާލެ ބްރިޖާ ގުޅުވައިގެން މާލޭ ވަށައިގެން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ ރިންގު ރޯޑު މާދަމާ ހުޅުވާލާނެއެވެ. އެގޮތުން މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމާއި، ލައިޓްތައް ޖެހުމުގެ މަސައްކަތް މިހާރު ނިންމިފައިވާކަމަށް ހައުސިންގް މިނިސްޓްރީއިން މައުލޫމަތުދެއެވެ.

މާލޭ ރިންގރޯޑްގެ މަސައްކަތަކީ ސިނަމާލެ ބްރިޖްގެ މަސައްކަތާ ގުޅުވައިގެން ފެށި އެންމެމުހިންމު އެއް މަސައްކަތެވެ. މާލެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުންފެށިގެން، ހުޅުމާލެ ފެރީ ޓާމިނަލްއާ ހަމައަށް އޮންނަ ސަރަޙައްދުގައި ވަނީ ތާރުއަޅައި ނިންމާލާފައެވެ. ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމީ، ބުރިޖު ހުޅުވާއިރު ބުރިޖަށް ވަދެވެން އޮންނަ ބޮޑު މަގަކީ ވީހާވެސް ތޮއްޖެހުންކުޑަ ދުއްވަން ފަސޭހަ މަގެއްގެ ގޮތުގައި ހެދުމަށެވެ. އަދި ބުރިޖު މެދުވެރިކޮށް ޕަބްލިކް ޓްރާންސްޕޯޓްތައް ކުރުމަށް ހަމަޖެހިފައިވާއިރު، ރިންގް ރޯޑްތަރައްޤީކޮށްފައިވަނީ މިކަންކަމަށްވެސް ދަތި ނުވާނެގޮތަށެވެ.

ރައީސް ޔާމީން ޤައުމަށް ގެނެސްދެއްޥާ ހަލުވި ތަރައްޤީއާއިކު ދިވެހި ރައްޔިތުންތިބީ ރިންގް ރޯޑް ފަދަ މަޝްރޫޢުތަކަށް ކެތްމަދުވެފައެވެ.

ޒަމާނީފެންވަރަށް ތަރައްޤީކޮށްފައިޥާ ރިންގ ރޯޑްގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. ރިންގ ރޯޑް ތަރައްޤީކުރަނީ 4 ލޭނަށް، ދެކޮޅަށް ދުއްވޭގޮތަށް އެންމެ ޒަމާނީ ފެންވަރަށެވެ. ވެރިރަށް މާލެއަށް ބަލާއިރު، ސަރުކާރުން ވަނީ މާލޭގެ މައި މަގު، މަޖީދީ މަގުގައި ކުރިން ހުރި ގާތަށް ނަގައި އެ މަގު އެންމެ ޒަމާނީ ފެންވަރަށް ހަދާ ނިންމާފައެވެ. އެއާއެކު ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މަގުގެ ދެ އަރިމަތީގައިވާ ޕޭވްމަންޓަށް ފަސޭހައިން އެރޭނެ އިންތިޒާމާއި މަގުން ފެން ހިންދުމަށް ބޭނުންވާ ކާނު ވަޅުގަނޑުތައްވެސް ރަނގަޅު ފެންވަރަކަށް ހަދައި ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

މިމަގުތަކަށް ބަދަލުގެނެސްފައިވާއިރު "ރިންގްރޯޑް"ގެ ދަށުން ވަނީ ހުޅުމާލެއަށް ދާ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާއި ހަމައަށް މަގު ފުޅާކޮށް ތާރުއަޅައި ޒަމާނީފެންވަރަކަށް ހަދާފައެވެ.