ޚަބަރު

އެއާރޕޯޓު މަޝްރޫޢު ހުއްޓުވާލުމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި މަސައްކަތް ކުރި - މިނިސްޓަރ ސަޢީދު


ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓު ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމުމާއިއެކު އެ މަޝްރޫޢު ހުއްޓުވުމަށްޓަކައި އިދިކޮޅު ސިޔާސީ ފަރާތްތައް ކެނޑިނޭޅި އެތައް މަސައްކަތްތަކެއް ކުރި ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން ސިނަމާލެ ބްރިޖު ހުވަފެން ޙަޤީގަތަކަށް ލައިވް ކަވަރޭޖުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ އެއާރޕޯޓު މަޝްރޫޢު ހުއްޓުވުމަށްޓަކައި އިނގިރޭސިވިލާތުގައި ހުންނަވައިގެން ޤާސިމް އިބްރާހިމާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އެތަކެއް މަސައްކަތްތަކެއް ކުރި ކަމަށެވެ. އެ މަޝްރޫޢު ހުއްޓުވުމަށްޓަކައި އެކި ބޭންކުތަކަށް ސިޓީ ފޮނުވާފައި އެބަހުރި ކަމަށްވެސް މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އިނގިރޭސިވިލާތުގައި ތިއްބެވި ނަން ދަންނަވާފައި މި ދެންނެވީ މި ބޭބޭފުޅުން މަސައްކަތް ކުރެއްވި. ދިވެހި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ރައީސް ޔާމީން ގެނެސްދެއްވާ ބާރު ސްޕީޑުގައި ކުރިއަށްދާކަން މި ބޭފުޅުންނަށް އެނގޭތީވެ ހުއްޓުވަން ކުރި މަސައްކަތް މިއީ. އެކިއެކި އެމްބަސީތަކަށް ލަންޑަނުގައި ތިބެގެން ލޮބީކުރީ ދިވެހިރާއްޖެއަށް އެހީ ނުވުމަށާއި ދިވެހިރާއްޖެއަށް ގެންނަ ތަހުޒީބުގައި ތިބޭފުޅުން ބައިވެރިނުވުމަށާއި މިހުރިހާ ވާހަކައެއް ދެއްކެވީ މިބޭފުޅުން،" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ހަމައެކަނި އިދިކޮޅު ބޭފުޅުންނަށް ވެރިކަން ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ. އެހެންކަމުން ސަރުކާރުން ކުރަމުންދާ ތަރައްޤީގެ އެއްވެސް މަޝްރޫޢުއަކަށް ބޭރުގެ އެއްވެސް ބޭންކަކުން ލޯން ދޫކުރުމަކީ އިދިކޮޅު ސިޔާސީ ބޭފުޅުން ބޭނުންވާ ކަމެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮތުމަކީވެސް އެފަރާތްތައް ބޭނުންވާ ކަމެއް ނޫން ކަމަށްވެސް މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އިހައްދުވަހު ދެއްތޯ އޯޕަންކޮށް ފާޅުގައި ގޮވާލީ ދިވެހިރާއްޖެ އިސްތިއުމާރީ ސިފައިން އަރާ އަޅުގަނޑުމެން އަޅުވެތި ކުރުމަށްޓަކައި ތިމަންނަމެން ދަޢުވަތު ދެމޭ. މިއީ ހަމަ އޯޕަންކޮށް ގޮވާލި ވާހަކަތައް އިނގޭތޯ. އެހެންވީމަ މިބޭފުޅުންގެ ހިތަކު ނެތޭ ރާއްޖެއާ މެދު އެއްވެސް ލޯތްބެއް. ރާއްޖެއާ ދޭތެރޭ ލޯތްބެއް އޮތްނަމަ މިބޭފުޅުން ގޮސް ފިލައިގެން ނުތިބޭނެ އިނގޭތޯ،" އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު މިފަދައިން ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށްވެސް އެތައް ފަހަރެއްގެ މަތިން ގޮވާލާ، ރާއްޖެއަށް ފަތުރުވެރިން ނައުމަށްވެސް ގޮވާލައިފައެވެ.