ޚަބަރު

ގެސްޓްހައުސް އެޑިޝަންގެ އެންމެ ކާމިޔާބު ރަށަކަށް އއ. އުކުޅަސް


މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ގެސްޓް ހައުސް އެޑިޝަންގެ އެންމެ ކާމިޔާބު ރަށެއްގެ ގޮތުގައި އއ.އުކުޅަސް ހޮވިއްޖެއެވެ. ރާއްޖޭގައި ހިންގާ ފަސްދޮޅަހަށްވުރެ ގިނަ ގެސްޓްހައުސްއިން ވާދަކުރި މި އެވޯޑް ޙަފްލާގައި އއ.އުކުޅަހަށްވަނީ މުހިންމު ދެއެވޯޑެއް ލިބިފައެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ(އިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންއަކީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކުގެ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މި ދާއިރާ ކުރިއަރުވައި ފުޅާކުރުމަށް ބާރުއެޅުމައްޓަކައި ދޭ އެވޯޑެކެވެ. 120 އަށްވުރެ ގިނަ ނޮމިނޭޝަން މިއަހަރުގެ ގެސްޓްހައުސް އެޑިޝަންއަށް ލިބިފައިވާއިރު މިފަހަރުގެ އެވޯޑްވެސްވަނީ ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ގޮތުން މަޢުލޫމާތު ހިމެނޭ ވެބްސައިޓް ޓްރިޕް އެޑްވައިޒާއިން ރިވިއުކޮށްފައެވެ.

ޓްރިޕް އެޑްވައިޒާ ރިވިއުގެ 40 އިންސައްތަ އަދި އޮންލައިން ވޯޓާއި އެސްއެމްއެސްގެ 60 އިންސައްތަ ހިމަނައިގެން މިއަހަރުގެ އެވޯޑް ޙަފްލާގައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ގެސްޓްހައުސްތަކަށް އެވޯޑް ލިބިފައިއެވެ. އެގޮތުން ލީޑިންގް ގެސްޓްހައުސްގެ އެވޯޑް ލާމު ގަމުގެ ރިވަރީސް ޑައިވިންގް ވިލެޖް ސަރފް އެންޑް ސްޕާއަށް ލިބިފައިވާއިރު ނިއުކަމަރ އޮފް ދި ޔިއަރގެ އެވޯޑް ލިބިފައިވަނީ ވިލާ ރޯސް ގެސްޓް ހައުސްއަށެވެ. އަދި މީގެ އިތުރުން މިއަހަރުގެ ގެސްޓް ހައުސް އެޑިޝަންގެ އެންމެ ކާމިޔާބު ރަށެއްގެ ގޮތުގައި ހޮވިފައިވަނީ އއ.އުކުޅަހެވެ. އުކުޅަހަށްވަނީ ލީޑިންގ ބީޗް އައިލެންޑްގެ އިތުރުން ލީޑިންގ ގެސްޓްހައުސް އައިލެންޑްގެ އެވޯޑް ލިބިފައެވެ. މިއަހަރުގެ އެވޯޑް ކާމިޔާބުކުރި ފަރާތްތަކުންވަނީ އެފަރާތްތަކުގެ ކާމިޔާބީ ޕީއެސްއެމް ނިއުސްޓީމާ ޙިއްސާކޮށްފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ހެރިޓޭޖް އައިލެންޑް ފަރުކޮޅުފުށީގައި ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓް ހައުސް އެޑިޝަންގައިވަނީ ބޮޑުބެރާއި ލައިވް މިއުޒިކްގެ އައިޓަމްތަކެއްވެސް ހުށަހަޅައިދީފައެވެ. މޯލްޑިވްސް ޓްރެވެސް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން އަދި ގާލާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރުމަހުއެވެ.