ޚަބަރު

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދަފްތަރުގައި ޖެއްސުމުގެ މަގު ފަހިކޮށްދެނީ


ރާއްޖެއިން ބޭރުގައި އުޅޭ މީހުންނަށް ދަފްތަރުގައި ޖެހުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް، ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މީޑިއާއަށް މައުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް ޙަސަން ޒަރީރު ވިދާޅުވީ، ދަފްތަރުގައި ޖެހުމަށް ހުޅުވާލި ފުރުޞަތުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން އެކަމަށް އެދެމުން އަންނާތީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ދަފްތަރުގައި ޖެހުމަށް ލުއިފަސޭހަ ގޮތެއް ހޯދައި ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސްފަރާތްތަކާއެކު މިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޙަސަން ޒަރީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވެސް ވަނީ ލަންކާގައި ހުންނަ ދިވެހި އެންބަސީއާ ވާހަކަތަކެއް ދެކެވިފަ، ވަރަށް ގިނަ ބޭފުޅުން މިކޮޅަށް އެބަ ރިކުއެސްޓުތައް އެބަކުރައްވާ، އެނގިވަޑައިގަންނަވާނޭ ފަދައިން އެކޮޅުގައި ދިރިއުޅުއްވަމުން މިކޮޅަށް އައުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ މި މުއްދަތުގެ ތެރޭގައެއް، މީވަރަށް ގިނަ ހަރަދެއް ހިނގާނެ ކަމެއް، އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުން މިހުރީ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަވާނެ ގޮތަކަށް މިކަންކަން ހަމަޖެއްސުމަށް." ޙަސަން ޒަރީރު ވިދާޅުވިއެވެ.

ޙަސަން ޒަރީރު ވިދާޅުވީ "ހިޔާ" މަޝްރޫޢަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ނިންމީ ރައީސުލްޖުމްހޫރިޔާގެ އެންގެވުމަކަށް، ވީހާވެސް ގިނަ ބަޔަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ކަމަށެވެ. ހައުސިންގ މިނިސްޓްރީން ވަނީ "ހިޔާ" ފްލެޓަށް ފޯމް ބަލައިގަތުމުގެ މުއްދަތު ސެޕްޓެމްބަރު 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ހައުސިން މިނިސްޓްރީން ބުނީ މާލޭ ދަފްތަރުގައި ޖެހުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 1800 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ހިޔާ މަޝްރޫއަށް މިހާތަނަށް 15000 ހާހަށްވުރެގިނަ ފޯމު ހުށަހަޅާފައިވާއިރު، މިކަމަށް ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ހިޔާ މަޝްރޫއަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.