ކުޅިވަރު

އިމޭޖް ރައިޓްސްގެ މައްސަލާގައި ސަލާހާއި މިޞްރު އެފްއޭ ކޯޅެނީ


އިމޭޖް ރައިޓްސްގެ މައްސަލާގައި މިޞްރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހާއި މިޞްރު އެފްއޭ ކޯޅެން ފަށައިފިއެވެ.
ލިވަޕޫލަށް ކުޅެމުން އަންނަ އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ބުނީ ނާޖާއިޒު ގޮތެއްގައި އޭނާގެ އިމޭޖް ބޭނުންކޮށްފައިވާތީ ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް މިސުރުގެ އެފްއޭއިން ޖަވާބު ދީފައިނުވާ ކަމަށެވެ.

"އަހަންނާއި އަހަރެންގެ ލޯޔަރުގެ ސިޓީތައް ވަނީ ޖަވާބުނުދީ ދޫކޮށްލާފައި. އަހަރެންގެ ސިޓީތަކަށް ޖަވާބުދޭން ވަގުތުކޮޅެއް ހުސްކޮށްލުން އެއީ ނެތްކަމެއްހެން ހީވާ ކަހަލަ. އެކަމަކު ކޮންމެ ޤައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް އެ ޤައުމުގެ ކުޅުންތެރިންގެ ހައްޤުތައް ހިމާޔަތްކޮށްދޭންޖެހޭނެ،" ސަލާޙް ބުނެފައިވެއެވެ.

މި މައްސަލާގައި މިޞްރުގެ އެފްއޭއިން ވަނީ ސަލާހް ކޮށްފައިވާ ޓުވީޓްތަކުގެ މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ.
ސަލާހުގެ އިމޭޖް ނާޖާއިޒް ގޮތެއްގައި ބޭނުންކޮށްފައިވަނީ މިޞްރުގެ ޤައުމީ ޓީމުގެ ސްޕޮންސަރުންނެވެ. ނަމަވެސް އޭނާ އަކީ ޤައުމީ ޓީމުގެ ސްޕޮންސަރުންނާ ވާދަވެރި ކުންފުންޏަކުން ސްޕޮންސާކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ރުޅިއައިސްގެން އުޅެނީ މިހެންވެއެވެ.
ޕްރެމިއާ ލީގުގެ މިދިޔަ ސީޒަނުގެ އެންމެ ގިނަ ގޯލު ޖަހައި ރަންބޫޓު ހޯދި ކުޅުންތެރިޔާ ވަނީ ވަރލްޑް ކަޕަށް ފަހު ޤައުމީ ޓީމަށް ކުޅުން ކުރިއަށް ގެންދިއުމާމެދު ވަކިގޮތެއް ނުނިންމާ ކަމަށް ވެސް ބުނެފައެވެ.