ޚަބަރު

ވީދިގެންދިޔަ ޤައުމީ ފޭރާން އާކޮށްދޭން ޖެހުނީ މިސަރުކާރަށް - ރައީސް ޔާމިން


އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ވީދިގެން ދިޔަ ޤައުމީ ފޭރާން އާކޮށް ނިވާކޮށްދޭންޖެހުނީ މިސަރުކާރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ.ދުވާފަރުގައި "ކުރިއެރުން އެންމެނަށް" މިނަމުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެރިކަންކުރާ މައިޕާޓީ ޕީޕީއެމުން ރ.ދުވާފަރުފަރުގައި ބޭއްވި ޖަލްސާގައި ގިނަ ޢަދަދެއްގެ ޢާއްމުރައްޔިތުން ބައިވެރިވިއެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ދުވާފަރުގެ ތަރައްޤީއަށް އެމަނިކުފާނުގެ ސަރުކާރުން ކޮށްދެއްވާފައިވާ ބައެއް މުހިންމު ކަންތައްތައް ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ ދައުރުގައި ދުވާފަރުގެ ތަރައްޤީއަށް ކޮށްދެއްވާނެ ބައެއް މުހިންމުކަންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެގޮތުން އަންނަ ދިރާސީ އަހަރު ފެށޭ ފުރަތަމަ ދުވަހު ދުވާފަރު ސްކޫލް ކުދިންނަށް ޚާއްޞަ ދެ ސްކޫލް ބަސް އެރަށަށް ހަދިޔާކުރައްވާނެކަމަށާ، ދުވާފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް އަންނަދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ބިން ބޮޑުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ފަސްއަހަރު ދުވަހުގެތެރޭގައި ދުވާފަރުގެ ތަރައްޤީއަށް 140 މިލިއަނަށްވުރެގިނަ ރުފިޔާ ހޭދަކޮށްފައިވާކަން ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތައް ހައްލުކޮށްދެއްވާނީ މިސަރުކާރުންކަމަށް ރައްޔިތުން ޤަބޫލުކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މަސްތުވާތަކެތީގެ ދޮރު ބަންދުކުރާނެކމަށްބުނެ ވެރިކަމަށްއައި އެމްޑީޕީގެސަރުކާރުގެ ތިން އަހަރުދުވަހުގެތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް މަސްތުވާތަކެތި ދިޔައީ ޢާންމުވެގެންކަމަށެވެ. އެމައްސަލަވެސް ހައްލުކޮށްދެއްވަން ޖެހިވަޑައިގަތީ އެމަނިކުފާނަކަމަށާ، އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ފެނުނީ ޖަލުގެ ތޭރިތަކުން ޒުވާނުން ޖާގަހޯދި މަންޒަރުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެމަނިކުފާނު ބޭނުންފުޅުވީ ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށްދީ، ދިވެހި މުޖުތަމަޢުގައި ޒުވާނުންނަކީ ބޭނުންތެރިބަޔަކަށް ހައްދަވައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުވާފަރުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި އިދިކޮޅު އެމްޑީޕީއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ އެޕާޓީގެ ސިޔާސަތުތަކާއި، އުސޫލުތަކުން ދިވެހި ޤައުމިއްޔަތަށް ލިބިފައިވާ ގެއްލުމުގެމައްޗަށް އަލިއަޅުވާލެއްވިއެވެ.