ޚަބަރު

އޮޑިދޯނިފަހަރު ބަންނަ މީހުންނަށް އިންޓްރެސްޓް ކުޑަ ލޯން ސްކީމެއް ތަޢާރަފްކުރާނަން - ރައީސް


އޮޑިދޯނިފަހަރު ބަންނަ ފަރާތްތަކަށް މިހާރަށްވުރެ ކުޑަ އިންޓްރެސްޓަކާއެކު އެސްއެމްއީ ލޯން ލިބޭނެ އިންތިޒާމް ހަމަޖައްސާވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރ. އަލިފުށީގައި ސަރުކާރުން ޤާއިމްކޮށްދެއްވި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް ލުއިފަސޭގަގޮތްތަކެއް ފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރާ މިލޯން ސްކީމަކީ މިހާރަށްވުރެ ކުޑަ އިންޓްރަސް ރޭޓަކާއެކު ތަޢާރަފްކުރާ ލޯން ސްކީމަކަށް ހައްދަވާނެކަމަށެވެ.

"އޮޑިދޯނިފަހަރު ބަނުމުގެ ވިޔަފާރުކުރާ ފަރާތްތަކަށް އިންޓްރެސްޓް ކުޑަކޮށް، އެސްއެމްއީ ލޯނު ލިބޭނެ ފުރުސަތު ފަހިކޮށްދޭނަން. މިއިީ މި ވިޔަފާރި ރާއްޖެގައި ފުޅާކުުރުމަށް ކުރާ މުހިންމު މަސައްކަތަކަށްވާނެ." ރައީސް ވިދާޅުވިއެވެ.

އަލިފުއްޓަކީ ފުޅާދާއިރާއެއްގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރަމުންދާ ރަށެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ދެވަނަ ދައުރުގެ ފުރަތަމަ އަހަރު ނިމުމުގެ ކުރިން، އެރަށުގައި ކުރިއަށްދާ އޮޑި ދޯނިފަހަރު ބަނުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް އިތުރު ފުރުޞަތުތަކެއް މި މަސައްކަތްކުރާ މީހުންނާއި، ޚާއްޞަކޮށް ޒުވާނުންނަށް ފަހިކޮށްދެއްވާނެކަމަށެވެ.

"އަޅުގަނޑުގެ ދެވަނަ ދަޢުރެއްގައި އަލިފުށި ބޯޓްޔާޑްގެ ޚިދުމަތް ފުޅާކޮށްދޭނަށް. އަދި ރަށުގައި ތިބެގެން އާމްދަނީ ލިބޭނި ގޮތް ހޯދައިދިނުމަށް، މިދާއިރާއިން ވަޒީފާގެ ފުރުސަތު އިރުތުކުރާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަލިފުށީ ބޯޓްޔާޑް ހުންނަ ސަރަޙައްދަކީ ގިރާ ސަރަޙައްދެއްކަމުން، އެ ސަރަހައްދު ހިމާޔަތްކުރުމަށް ޚާއްޞަ މަޝްރޫއެއް ކުރިއަށްގެންދާނެކަންވެސް އިޢުލާން ކުރައްވާފައެވެ. އަދި އަލިފުއްޓަކީ މަސައްކަތްތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށްވާއިރު، ކުރީގެ ސަރުކާރުތަކުން އެރަށުގެ ތަރައްޤީއަށް މަސައްކަތްކޮށްފައިނުވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.