ޚަބަރު

ހދ. ކުޅުދުއްފުށްޓާއި ށ. ފުނަދޫ އެއަރޕޯޓަށް އަންނަމުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖައްސާނެ- އެމް.ޓީ.ސީ.ސީ


ހދ. ކުޅުދުއްފުށްޓާއި، ށ. ފުނަދޫ އެއަރޕޯޓަށް އަންނަމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖެއްސޭވަރަށް، އެ ދެ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ފަށްޓަވާފައިވާ އެންމެ މުހިއްމު އެއް މަސައްކަތަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑޮމެސްޓިކް އެއަރޕޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއަރޕޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުށީ އެއަރޕޯޓާއި، ށ. ފުނަދޫ އެއަރޕޯޓުގެ އިތުރުން ދެކުނުން ގދ. މާވަރުލު އެއަރޕޯޓުގެ މަސައްކަތަކީ ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން، މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދާ މަޝްރޫޢުތަކެވެ.

ކުޅުދުއްފުށީ އެއަރޕޯޓް ހެދުމަށް އެރަށުގެ ފަޅުން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަންއެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން އެރަށުގައި އެޅުމަށް ނިންމާފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. ކުރިން 21 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާފައެވެ. 89 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން ރަންވޭއާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގދ. މާވަރުލު އެއަރޕޯޓު މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މާވަރުލުގައިވެސް އެޅުމަށް ނިންމާފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ.

މި 3 އެއަރޕޯޓުގެ މަސައްކަތާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.ޓީ.ސީ.ސީ ސީ.އީ.އޯ އިބްރާހީމް ޒިޔަތު ވިދާޅުވީ، މި 3 އެއަރޕޯޓުގެ މަސައްކަތްވެސް ހިތްހަމަޖެހޭ މިންވަރަށް ކުރިއަށްދާކަމަށެވެ. އަދި މީގެ ތެރެއިން ކުޅުދުއްފުށްޓާއި، ފުނަދޫ އެއަރޕޯޓުގައި މިހާރު ކުރިއަށްދަނީ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އެސްފާލްޓް ކޮންކްރީޓް ބޭސް ނުވަތަ އޭ.ސީ.ބީ ލޭޔަރ އެޅުމުގެ މަސައްކަތްކަމަށް ޒިޔަތު ވިދާޅުވިއެވެ. އެގޮތުން ކުޅުދުއްފުށީ އެއަރޕޯޓު ރަންވޭގެ 200 މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި އޭ.ސީ.ބީ ލޭޔަރ އަޅާ ނިމިފައިވާއިރު، ފުނަދޫ އެއަރޕޯޓު ރަންވޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަޙައްދެއްގައި މިހާރު އޭ.ސީ.ބީ ލޭޔަރ އަޅާ ނިމިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"
"ކުޅުދުއްފުށީ އެއަރޕޯޓު ރަންވޭގެ 200 މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި އޭ.ސީ.ބީ ލޭޔަރ އަޅާ ނިމިއްޖެ. ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި އޭ.ސީ.ބީ ފަށަލަ އަޅާ ނިންމާ، ތާރުވެސް އެއްކޮށްއަޅާ ނިންމާލެވޭނެ. އެހާތަނަށް ޓެސްޓް ފްލައިޓް ޖެއްސޭވަރަށް ރެޑީ ކުރެވޭނެ. ފުނަދޫ އެއަރޕޯޓުގެވެސް ރަންވޭގެ ދެބައިކުޅަ އެއްބައިގައި އޭ.ސީ.ބީ ލޭޔަރ އަޅާ ނިމިއްޖެ. މާވަރުލުގެވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަށް ޕްރޮގްރެސް ކުރިއަށްއެބަދޭ"
އެމް.ޓީ.ސީ.ސީ ސީ.އީ.އޯ ޒިޔަތު

ޒިޔަތު ވިދާޅުވީ، ކުޅުދުއްފުށްޓާއި، ފުނަދޫ އަދި މާވަރުލު އެއަރޕޯޓުގެ މަސައްކަތްވެސް ދީފައިވާ މުއްދަތުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށާއި، އެ އަމާޒަށް ވާސިލްވުމަށްޓަކާ ކުންފުނީގެ ފުލް-ކެޕޭސިޓީ ބޭނުންކުރަމުންދާކަމަށެވެ. އެގޮތުން އަންނަމަހުގެ ކުރީކޮޅު ނުވަތަ މެދެއްހާތާނގައި ކުޅުދުއްފުށްޓާއި، ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސޭވަރަށް މަސައްކަތް ނިންމާލެވޭނެކަމަށް ޒިޔަތު ވިދާޅުވިއެވެ.

"
އިރާދަކުރެއްވިއްޔާ މި މަސް ނިމޭއިރު ކުޅުދުއްފުށްޓާއި ފުނަދޫ އެއަރޕޯޓުގެ މަސައްކަތުގެ ވަރަށް ބޮޑުބައި ނިންމާލެވޭނެ.. ޕްލަސް އޯ މައިނަސް 10 ނޫނީ 5 ދުވަހުގެ ޑިލޭއެއް އައުން އެކަށީގެންވޭ. އެކަމު ބޮޑަށް މި ބަލަނީ ހަމަ ޕަލްސް 10 ޑޭސްކަމަށް. އެހެންވީމަ އަޅުގަނޑުމެންގެ އެސްޓިމޭޝަނަކީ ސެޕްޓެމްބަރު މަހުގެ 7ގެ ނިޔަލަށް ޓެސްޓް ފްލައިޓް ޖެއްސޭވަރަށް މި 2 އެއަރޕޯޓުގެ މަސައްކަތްވެސް ނިންމާލުން"
އެމް.ޓީ.ސީ.ސީ ސީ.އީ.އޯ ޒިޔަތު

މި 3 އެއަރޕޯޓުގެ އިތުރުން، އިތުރު އެއަރޕޯޓުތަކެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ހއ. މާފިނޮޅު އެއަރޕޯޓާއި، ނ. މާފަރު އެއަރޕޯޓާއި، ރ. ފައިނު އެއަރޕޯޓާއި ގދ. ފަރެސްމާތޮނޑާ އެއަރޕޯޓުގެ މަސައްކަތް ހިމެނެއެވެ. މީގެތެރެއިން ނ. މާފަރު އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމާ މި އޯގަސްޓްމަހުގެ 14 ވަނަ ދުވަހު މާފަރު އެއަރޕޯޓަށް ވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ.