ޚަބަރު

އެއްވެސް ރައީސަކު ރާއްޖެ ތަރައްޤީނުކުރާ މިންވަރަށް ރައީސް ޔާމީން ރާއްޖެ ތަރައްޤީކޮށްފި


ރާއްޖޭގެ އެއްވެސް ރައީސަކު ތަރައްޤީކުރާ ނުކުރައްވާ މިންވަރަށް މިސަރުކާރުން ދިވެހިރާއްޖެ ތަރައްޤީކޮށްދެއްވާފައިވާ ކަމަށާއި މިސަބަބަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވަންޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ތާރިޤް މިހެން ވިދާޅުވީ، ހދ.ކުޅުދުއްފުށީގައި މަގު ހެދުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމާއި، ގޮނޑުދޮށް ޙިމަޔާތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ކުޅުދުއްފުށީގައި ބޭއްވެވި ރަސްމިއްޔާތުގައި، ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވައިފައެވެ.

ކުޅުދުއްފުށީގައި ކުރިއަށްދިޔަ މަޝްރުޢޫތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއަކީ ކުރީގެ އެއްވެސް ސަރުކާރަކުން އަޅާނުލައި ދޫކޮށްލައިވާ އޮތް މަޝްރޫއެއްކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރައީސަކު ރާއްޖެ ތަރައްޤީކުރާ ނުކުރާވަރަށް ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީކޮށްދެއްވާފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ހީވެސް ނުކުރާހާ އަވަސް މިނެއްގައި ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެ ތަރައްޤީކޮށް ނިންމާނެ ކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި އެއާޕޯޓު މަޝްރޫޢު ހިންގަން ފެށުމުން އިދިކޮޅު ފަރާތްތަކުން ގިނަ ހުރަސްތަކެއް ކުރިމަތިކުރުވިކަމަށާއި އެކަމަކު މިއަދު އެރަށަށް ވަޑައިގެން އިދިކޮޅު ކެންޑިޑޭޓް ވައުދުވަނީ އެރަށުގައި އެއާޕޯޓް އަޅައިދިނުމަށް ކަމަށްވާއިރު، އެމަޝްރޫއަކީ ރައީސް ޔާމީންގެ ސަރުކާރުން އެރަށުގައި ހިންގަމުން އަންނަ މަޝްރުޢެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެ ތަރައްޤީކުރުމަށް ހިންގި އެއްވެސް މަޝްރޫޢަކަށް އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ވޯޓު ދެއްވާފައި ނުވާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ތަރައްޤީގެ ވާހަކަތަކަށް ފާޑު ކިޔުމުގެ ފުރުޞަތެއް ނޯންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢޫގެ ދަށުން 320 މީޓަރުގެ ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފައެވެ. މިމަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ވަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށް 5.8 ކިލޯ މީޓަރުގެ 16 މަގެއް ހަދާފައެވެ. އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢަށް 61 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.