ޚަބަރު

ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގެ ފޮތް ފިހާރައެއް ރާއްޖޭގައި ހުޅުވަނީ


ދުނިޔޭގެ މަޝްހޫރު ލައިބްރަރީ ޗެއިނެއްކަމަށްވާ އަލްޓިމޭޓް ލައިބްރަރީ ކޮންޕެނީގެ ބުކްސްޓޯއެއް ސޮނޭވާފުށި ރިޒޯޓުގައި ހުޅުވަން ނިންމައިފިއެވެ.

ސޮނޭވާ ފުށީގައި ހުޅުވަން ތައްޔާރުވެފައިވާ މި ބުކް ސްޓޯރަކީ އާދައިގެ ބުކް ސްޓޯރެއް ނޫނެވެ. 3 މަސްދުވަހުގެ މުއްދަތަކަށް ސޮނެވާފުށި ރިޒޯޓުގައި ހުޅުވާ މި ފިހާރައަކީ އިނގިރޭސިވިލާތުގެ މަޝްހޫރު އަލްޓިމޭޓް ލައިބްރަރީ ކޮންޕެނީގެ ބުކް ސްޓޯއެކެވެ. މިތަނުގައި މަސައްކަތްކުރުމަށް ފޮތް ކިއުމާއި، ބްލޮގްކުރުމަށް ޝައުޤުވެރިކަން ހުރި މީހަކު ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.

މިވަޒީފާއަށް ހޮވޭ މީހަކު ސޮނެވާފުށީގައި ފަތުރުވެރިންނަށް ފޮތް ވިއްކުމުގެ އިތުރުން، މިވަޒީފާގެ ތަޖުރިބާގެ މައްޗަށް ބްލޮގެއް ލިޔުމާއި، ރިޒޯޓުގައި ތިބޭ ކުޑަކުދިންނަށް ވާހަކަ ކިޔައިދިނުމުގެ އިތުރުން ފަތުރުވެރިންނަށް ކްރިއޭޓިވް ރައިޓިން ކޯސްތައް ހިންގުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. އަންނަ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހު ހުޅުވާ މި ޕޮޕްއަޕް ބުކް ޝޮޕްގައި ރާއްޖޭގެ މާހައުލާއި، ތިމާވައްޓާއި، ޤައުމުގެ އެކި ކަންކަމާ ގުޅުންހުރި ފޮތްތައް ލިބެން ހުންނާނެކަމަށް މިތަން ހުޅުވަން އުޅޭ ކުންފުނިން ބުނެއެވެ.

އަލްޓިމޭޓް ލައިބްރަރީ ކުންފުންޔަކީ 2007 ވަނަ އަހަރު އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ޕިލިޕް ބްލެކްވެލް ޤާއިމްކޮށްފައިވާ ކުންފުންޔެކެވެ.
މި ކުންފުންޏަކީ ދުނިޔޭގެ މަޝްހޫރު ރިޒޯޓް، ހޮޓާ އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެހެނިހެން ތަންތަނަށް ފޮތް ސަޕްލައިކޮށްދީ، މިފަދަ ތަންތަނުގައި ފޮތް ވިއްކާ ފިހާރަތައް ތަރައްޤީކުރާ ކުންފުންޔެކެވެ.

ރާއްޖޭގައި މި ސްޓޯރ ހުޅުވުން ވެގެންދާނީ ތަފާތު ބާވަތްތަކުގެ ފޮތް ކިއުމަށް ޝައުޤުވެރިކަން ހުންނަ ދިވެހިންނަށް ލިބޭ ރަނުގެ ފުރުޞަތަކަށެވެ.