ޚަބަރު

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ވަޖްޕާއީ އަވަހާރަވުމާ ގުޅިގެން ރައީސް ޔާމީން ތައުޒިޔާ ފޮނުއްފައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އަތަލް ބިހާރީ ވަޖްޕާއީގެ ހަނދާންތައް އާކުރެވިގެން ދާނީ ހަމައެކަނި ޤައުމަށް ހިދުމަތްކުރެއްވި ލީޑަރެއްގެ ގޮތުގައި ނޫންކަމަށާއި ޢިލްމު އުގަންނައިދިނުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައިވެސް އެމަނިކުފާނުގެ ހަނދާންތައް ދެމިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑިއާ ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި އަތަލް ބިހާރީ ވަޖްޕާއީގެ އާއިލާއަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ ޖަނާޒާގައި، ރާއްޖެއިން އިންޑިއާއަށް ކަޑައަޅުއްވާފައި ހުންނަ ސަފީރު، އަޙްމަދު މުޙައްމަދުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އަތުލް ބިހާރީ ވަޖްޕާއީއަކީ އިންޑިއާގެ ބޮޑުވަޒީރުކަން ތިންފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ.