ކުޅިވަރު

އަނިޔާވެ ޑެބްރޫނޭ ކުޅުމާ ދުރަށް


ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑެބްރޫނޭ ތިން މަހަށް އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގުގައި ސިޓީގެ އެންމެ މޮޅު ކުޅުންތެރިޔާ ޑެބްރޫނޭ އަކީ ކޯޗު ޕެޕް ގާޑިއޯލާ ޓީމުގެ ކްރިއޭޓިވް ހަބެވެ. ލީގުގައި ޖުމުލަ 12 ގޯލު ޖެހި 27 އަހަރުގެ މިޑްފީލްޑަރު ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއްކަމަށް ގާޑިއޯލާ ވެސް ވަނީ ފާހަގަކޮށްފައެވެ.
ޑެބްރޫނޭ އަށް އަނިޔާވީ ޕްރެކްޓިހުގައެވެ. އޭނާ އަކީ ނިމިދިޔަ ވަރލްޑް ކަޕުގެ ތިން ވަނަ ހޯދި ބްލެޖިއަމް ޓީމުގައި ވެސް މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ.

ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން 2016 ވަނަ އަހަރުވެސް ޑެބްރުނޭ އަށް ވަނީ 12 މެޗެއް ގެއްލިފައެވެ. އޭނާ ނެތުމުން އެމަޤާމަށް ކުޅެން ގާޑިއޯލާ ޕްރޮމޯޓް ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިއަކީ އިނގިރޭސި ޒުވާން މިޑްފީލްޑަރު ފިލް ފޮޑެން އެވެ.