ކުޅިވަރު

މަންޒުކިޗް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި


ކްރޮއޭޝިޔާގެ ފޯވަޑް މާރިއޯ މަންޒުކިޗް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ޔުވެންޓަސް އަށް ކުޅޭ އުމުރުން 32 އަހަރުގެ މަންޒުކިޗަކީ ނިމިދިޔަ ވަރލްޑް ކަޕުގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިޔާ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.
ޤައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 89 މެޗުން 33 ގޯލު ޖަހާދީފައެވެ.
ކްރޮއޭޝިޔާގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ވަރލްޑް ކަޕުގެ ފައިނަލް ކުޅުމެވެ. މަންޒުކިޗް ބުނީ "މިކާމިޔާބީގެ ސަބަބުން ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދިޔަ،" ކަމަށެވެ.

"މި(ދިޔަ) މަހާއި. (ވޯލްޑް ކަޕަށް ފަހު) އެނބުރި ޤައުމަށް ދިއުން ވެފައިވަނީ މިހާތަނަށް އެންމެ ހިތްހަމަޖެހުނު ހަނދާނަކަށް. އަހަރުމެން ފަހުރުވެރިވަން ސިލްވާ މެޑަލް ލިބުމުން. މިއީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަންވީ ވަގުތު. ކުޅެން ބޭނުންނަމަ ކިތަންމެ ގިނަ ދުވަހަކު ވެސް ކުޅެވިދާނެ. އެކަމަކު އަހަންނަށް ޤަބޫލުކުރެވެނީ މިއީ ހުއްޓާލަން އެންމެ ރަނގަޅު ވަގުތު ކަމަށް،" މަންޒުކިޗް ބުންޏެވެ.