ތ. ތިމަރަފުށީގައި ސަރުކާރުން ޤާއިމުކުރި ފެނުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިފްތިތާޙްކޮށްދެއްވައިފިއެވެ.
ދައުލަތުގެ ބަޖެޓުން 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތިމަރަފުށީގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފިއުރިޓާސް ޕްރައިވެޓް ލިމިޓެޑާއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ފެށި އެ މަސައްކަތް ނިންމާލާފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.
ތިމަރަފުށީގައި ގާއިމްކުރި ފެނުގެ ވިއުގައިގެ ދިގުމުނުގައި 6،500 މީޓަރު ހުރިއިރު، 385 ގޭބިސީއަކަށް ވަނީ ފެނުގެ ހިދުމަތް ގުޅައިފައެވެ. އަދި ފެން ޕްލާންޓުން ލޮނުފެން ބޭރުކުރުމަށް ވަނީ 130 މީޓަރުގެ އައުޓް ފޯލް ހޮޅިއެއް އަޅާފައެވެ. ފެން ޕްލާންޓް ބެލެހެއްޓުން ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.
ތިމަރަފުށީގައި ބެހެއްޓި 60 ޓަނުގެ ދެ އާރޯ ޕްލާންޓުން ދުވާލަކު 120 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވެއެވެ. ދެ ޕްލާންޓުން ތައްޔާރު ކުރާ ފެނުގެ އިތުރުން ވާރޭ ފެން ރައްކާ ކުރުމަށް ވަނީ 850 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ޓޭންކެއް ބަހައްޓާފައެވެ.
ރައީސް ޔާމީން ތ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވޭމަންޑުއާއި ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިފުށި މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބުރުންޏާއި ދިޔަމިގިއްޔާއި މަޑިފުށީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަޑިފުށީގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، އެ ރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.