ޚަބަރު

ޗައިނާގެ ވާހަކަތައް އެޤައުމަށް ޒިޔާރަތްކުރި ދިވެހިންގެ ދުލުން!


ޗައިނާގައި ގިނަ ދުވަހު ކިޔެވުމަށާއި، އަދި އެނޫންވެސް އެކި ބޭނުންތަކަށް އެޤައުމަށް ޒިޔާރަތްކޮށްފައިވާ ދިވެހިންގެ ތަޖުރިބާ ހިއްސާކުރުމަށް "މައި ސްޓޯރީ ވިތު ޗައިނާ"ގެ ނަމުގައި ޙާއްސަ ފޯރަމެއް ބާއްވައިފިއެވެ.

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެންބަސީއިން އިންތިޒާމްކުރި މި ފޯރަމް ބާއްވާފައި ވަނީ ބަނޑޮސް ރިސޯޓުގައެވެ. މިފޯރަމްގައި ސްކޫލްތަކާ، ސިވިލް ސާރވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މިފޯރަމްގައި ވާހަކަދައްކަވަމުން ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން، ސީއެމްސީއޭގެ ޗެއަރމަން މުހައްމަދު ރަޝީދު ވިދާޅުވީ ޗައިނާއަކީ ސަޤާފީ ގޮތުންނާއި ތާރީޙީ ގޮތުން މުއްސަނދި ޤައުމެއްކަމަށާއި އެޤައުމަށް ޒިޔާރަތްކުރާ ދިވެހިންނަށް ގިނަ ކަންތައްތަކެއް ދަސްވާނެކަމަށެވެ. ރަޝީދުގެ ވާހަކަފުޅުގައި ވަނީ ސީއެމްސީއޭ އުފެދުނު ގޮތާއި މަޤްސަދުގެ މައްޗަށް އަލުއަޅުއްވާލައްވާފައެވެ.

"ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމަށް މިއެސޯސިއޭޝަން އުފެއްދީ އަޅުގަނޑު ޗައިނާއަށް ފުރަތަމަ ކުރި ދަތުރުގެ ޒަރިއްޔާއިން އަޅުގަނޑަށް ލިބުނު ކުރިއެރުމާ ދަސްވި އެއްޗެހީގެ ސަބަބުން، މިކަންތައްތައް ދިވެހިންނާ ހިއްސާކުރުމަށް އަޅުގަނޑު ބޭނުންވުމުން." ރަޝީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން ޗައިނާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ ސަފީރު ޒަން ލިޒްހޮން ވިދާޅުވީ ޗައިނާއާ ރާއްޖޭގެ ދޭދޭ ގުޅުމާއި، ރައްޔިތުންގެ މެދުގައިވާ ގުޅުން ބަދަހިވަމުންދާކަމަށެވެ. އަދި މިފޯރަމްގެ ޒަރިއްޔާއިން ރާއްޖެއިން ޗައިނާއަށް ދާ ފަރާތްތަކުގެ ތަޖުރިބާ އެހެން ފަރާތްތަކަށް ހިއްސާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދެޤައުމުގެ ރައްޔިތުންނަށް ފައިދާވާނެހެން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭ. ޗައިނާގެ ރައީސް ޝީ ޖިންޕިން ދެކިލައްވަނީ ދުނިޔެއަކީ އެކުގައި ގުޅި ލާމެހިފައިވާ ތަނެއްގެ ގޮތުގައި. އެހެންކަމުން ދުނިޔޭގެ ތަރައްޤީއަކީ ހުރިހާ ޤައުމެއް ތަރައްޤީވެގެން ހާސިލްކުރެވޭނެ ކަމެއްކަމުގައި ރައީސް ޝީ ދެކިލައްވައި." ޗައިނާ ސަފީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ އަލީ ޝަމީމް ވަނީ އެބޭފުޅާ ޗައިނާއަށް 33 އަހަރު ކުރިން ޒިޔާރަތްކޮށް، ކުރި ތަޖުރިބާ ބައިވެރިންނާ ޙިއްސާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޗައިނާގެ ކަލްޗަރަލް ސެންޓަރެއް ރާއްޖޭގައި ޤާއިމްވުމުގެ އުންމީދުކުރައްވާކަމަށް ޑރ ޝަމީމް ވިދާޅުވިއެވެ.

މިފޯރަމްގެ ތެރެއިން ޗައިނާގައި ގިނަ ދުވަސްތަކެއް ވަންދެން ކިޔަވާފައިވާ ފަރާތްތަކުންވެސް އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރިއެވެ.

"އަޅުގަނޑާ ޗައިނާއާ ދެމެދު އޮތް ގުޅުން އެޤައުމުގައި ހުރި 7 އަހަރު ކިޔަވަން ހުރުމަށްފަހު ގްރެޖުއޭޓްވުމުންވެސް ނުނިމެ. އެޤައުމުން ދަސްވި ކަންތައްތައް އަދިވެސް އަޅުގަނޑު ހަދާންހުރޭ." ޗައިނާގެ ކިޔަވާފައިވާ ރާއްޖޭގެ ޑޮކްޓަރެއް ވިދާޅުވިއެވެ.

"ޗައިނާއިން އާރޓްސް ކިޔަވަން ނިންމީ އެޤައުމަކީ ސަޤާފީ ގޮތުންނާ، އާދާކާދަތަކުގައި މުއްސަދި ޤައުމެއްކަމުން. ބައިވަރު އެއްޗެތި ދަސްވި ކިޔަވަން ހުރިއިރު" ރާއްޖޭގެ އެމްއެންޔޫގެ އާރޓްސް ޕްރޮފެސަރއެއް ވިދާޅުވިއެވެ.

"ޗައިނާގައި ވަގުތު ހޭދަކުރުމަށްފަހު އަޅުގަނޑުމެން އެންމެވެސް އަންނާކަށް ބޭނުމެއް ނުވި. އަޅުގަނޑު އަނބުރަ ޗައިނާއަށް ގޮސްފިނަމަ މަޑުކުރާނަން އެކޮޅުގަ ނައިސް" ޗައިނާގައި ޓްރެއިނިންއެއް ހެދި ސިވިލް ސާރވަންޓެއް ކިޔައިދިނެވެ.

ސީއެމްސީއޭއިން ބުނީ މީގެއިތުރު ފޯރަމްތައް ކުރިޔަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، މިއީ ރާއްޖެއާ ޗައިނާއާ ބަދަހިވަމުންދާ ގުޅުމުގެ ތެރެއިން ސަޤާފީ އަދި އާދަކާދަތައް ހިއްސާކުރުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ފޯރަމެއްކަމުގައެވެ. މިފޯރަމްގެ ތެރެއިން ރާއްޖެއިން ޗައިނާއަށް ޒިޔާރަތްކުރި ފަރާތްތަކުން އެމީހުންގެ ވާހަކަތާގުޅޭ ވީޑިއޯ އަދި ފޮޓޯ ޕްރެޒެންޓޭޝަންތައް ދައްކާލާފައިވެއެވެ.